އެމްޑީޕީގެ ރިޔާސީ ޓިކެޓް، ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރަސްމީކޮށް ރިޔާސީ ޓިކެޓް ހަވާލުކޮށްފައިވާ ކަމަށް އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވެއްޖެއެވެ.

އިބުރޭ މިހެން ވިދާޅުވީ އެމްޑީޕީއިން މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ނަތީޖާ ބާތިލްކޮށް އެ ޕްރައިމަރީ ކާމިޔާބުކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސާލިޙަށް ރިޔާސީ ޓިކެޓް އެރުވުން ހުއްޓުވަން އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ އިން ނާކާމިޔާބުވެވަޑައިގެންނެވި ރައީސް މުހައްމަދު ނަޝީދުގެ ފަރާތުގެ ސިވިލް ކޯޓަށް މައްސަލަ ހުށައެޅުމާއި ގުޅިގެންނެވެ.

އެކަމާ ގުޅިގެން ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިޔެކިޔުމުން ރައީސް ސޯލިހަށް ރަސްމީކޮށް ހަވާލުކޮށްފައިވާ ކަމަށާއި، އަންނަ ހުކުރު ދުވަހު ބާއްވާ ޖަލްސާ އަކީ ރަމްޒީ ކަމެއް ކަމަށެވެެ. އިބުރޭ ވިދާޅުވީ ޕްރައިމަރީގެ ވަގުތީ ނަތީޖާ ވެސް އަދި ދާއިމީ ނަތީޖާ ވެސް އިއުލާން ކުރުމުން އެ އިންތިހާބުން ނާކާމިޔާބުވި ނަޝީދު އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރައްވައި އެކަން ބެލުމަށް ޕާޓީއަށް ހުށަހަޅުއްވާފައި ނުވާ ކަމަށެވެ. އަދި އެމްޑީޕީގެ އަސާސީ ގަވައިދުގައި އެފަދަ ކަންކަމާ މެދު އަމަލު ކުރާނޭ ގޮތްތަކާއި މައްސަލަތައް އިސްތިއުނާފު ކުރެވޭނޭ ގޮތްތައް ހުރިކަން އިބުރޭ ފާހަަގަކުރެއްވިއެވެ.

މީގެ އިތުރުން އިބުރޭ ވިދާޅުވީ އެމްޑީޕީގެ އެތެރޭގައި އޮންނަ އުސޫލުތަކުގެ ބޭރުން އެމައްސަލަ ހައްލުކުރަން ކޯޓަށް ވަޑައިގަތުމުން އެކަމާއި މެދު ހިތާމަކުރަށްވާ ކަމަށެވެ. އަދި އެއީ ނުބައި މަގުސަދެއްގައި ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އިބުރޭ އިތުރަށް ވިދާޅުވީ ރިޔާސީ ޓިކެޓް ހަވާލުކުރުން ހުއްޓުވަން ވަގުތީ އަމުރެއް ނެރެން ޖެހޭނެ ސަބަބެެއް ނެތް ކަމަށާއި ޓިކެޓް ހަވާލުކޮށް ނިމިފައިވާ ކަމަށެވެ.އަދި އެމްޑީޕީގެ ޕްރައިމަރީ އަކީ ސައްހަ ނޫން އިންތިހާބެއް ކަމަށް ބުނާނޭ ފުރުސަތެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ޕްރައިމަރީ އާއި ގުޅިގެން ނަޝީދުގެ ފަރާތްޕުޅުން ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަދި މިހާރު ޕޮލިސް ބޯޑުގައި އިންނަވާ ހާމިދު އަބްދުލްޣަފޫރު ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އެމްޑީޕީން 39،000 މެންބަރުން ވަކިކުރީ އެ ޕާޓީގެ އަސާސީ ގަވާއިދުގައި އެކަންކުރަން ވަކި ގޮތްތަކެއް ބުނެފައި އޮއްވާ އެއާއި ހިލާފަށް ކަމަށެވެ. އެހެންކަމުން އެ ޕްރައިމަރީއަކީ ޕާޓީން ވަކިކުރި މެންބަރުންނަށް ވޯޓު ދިނުމުގެ ހައްގު ގެއްލޭގޮތަށް ބޭއްވި އިންތިހާބެއް ކަމަށާއި އެއާއިއެކު އެއީ ސައްހަ އިންތިހާބެއް ނޫންކަމަށް ކަނޑައަޅައި، ވަކިކުރި މެންބަރުން ހިމަނައިގެން އަލުން އިންތިހާބު ބޭއްވުމަށް އެމްޑީޕީގެ މައްޗަށް އަމުރު ކޮށްދިނުމަށް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ އެދިފައެވެ.އަދި އެ މައްސަލައިގައި ކޯޓުން ގޮތެއް ނިމެންދެން، އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ޞާލިޙަށް އެރުވުން ހުއްޓުވައިދިނުމުގެ ވަގުތީ އަމުރަކަށް ވެސް ވަނީ އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު