މިމަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން މާލެއިން ގެއްލިގެން ހޯދަމުންދާ ސ. މަރަދޫފޭދޫ/ ގަސްކަރަ، މުހައްމަދު އާސިރު އިސްމާއީލް ހޯދުމުގެ މަސައްކަތުގައި އޭނާ މާލެއިން އެއާޕޯޓަށް ދިޔަ ޓެކްސީ ޑްރައިވަރާއި ސުވާލުކޮށް 150 ގަޑިއިރުގެ ސީސީޓީވީ ފްޓޭޖް ބަލާފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މުހައްމަދު އާސިރު ހޯދަން ސީސީޓީވީ ކެމެރާތައް ބެލުމުގެ ތެރެއިން، ފެބްރުއަރީ 4 ވަނަ ދުވަހުގެރޭ 19:20 ގައި ބޮޑުތަކުރުފާނުމަގުން ހުޅުމާލޭ ފެރީޓާމިނަލް ސަރަހައްދުން ހުދުކުލައިގެ ޓެކްސީއަކަށް އަރާ މަންޒަރު ފެންނާތީ އެ ޓެކްސީ ޑްރައިވަރާއި ސުވާލުކޮށްފައިވާ ކަމަށެވެ. އަދި އެ ޓެކްސީ އެއާޕޯޓް ޓާމިނަލަށް މަޑުކުރުމުން އާސިރު ޓެކްސީން ފައިބައިގެން އެއާޕޯޓް ޓާމިނަލަށް ވަންނަ މަންޒަރު ފެނުނު ނަމަވެސް އޭނާ ރާއްޖެއިން ބޭރަށް އަދި ރާއްޖޭގެ އެއްވެސް ތަނަކަށް ދަތުރުކުރިކަން އެނގެން ނެތް ކަމަށް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ފުލުހުން ބުނީ އެއާޕޯޓްގެ ބައެއް ސަރަހައްދުތަކުގައި ކެމެރާ ނެތުމުން އެސަރަހައްދުގެ އުޅަނދުތަކުގައި އުޅޭ މީހުންނަށް އޭނާގެ ފޮޓޯ ދައްކާ އޭނާ ހޯދުމަށް މަސައްކަތް ކުރަމުންގެންދާކަމަށާއި މާލެއާއި މާލެ ކައިރި ސަރަހައްދުގެ އަދި ރާއްޖޭގެ އެއްވެސް ސަރަހައްދެއްގެ ގެސްޓްހައުސްއަކުން އާސިރު ހިދުމަތް ހޯދިތޯ ބަލަމުން ގެންދާ ކަމަށެވެ.

ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މާލެއާއި ހުޅުމާލެއާއި ވިލިމާލެ އަދި މާފުށީގެ ހުރިހާ ގެސްޓްހައުސްތަކަކާއި އަތޮޅުތެރޭގެ ގެސްޓްހައުސްތަކުން އެއްވެސް ހިދުމަތެއް ހޯދާފައިވޭތޭ ބެލުމުގެ އިތުރުން މާލެ ސަރަހައްދުގެ ކައިރި ރަށްރަށާއި ރާއްޖޭގެ އެއްވެސް ރަށެއްގައި މުހައްމަދު އާސިރު އިސްމާއީލް އުޅޭތޯ ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އާސިރު ނުފެނި ހޭދަވާ ކޮންމެ ވަގުތަކީވެސް ފުލުހުން އެކަމާއި ކަންބޮޑުވާ ވަގުތެއްކަމަށާއި އާސިރު ހޯދުމަށް ކުރަމުންދާ މަސައްކަތް އާއިލާއާއި ހިއްސާކުރަމުން ވެސް ގެންދާ ކަމަށް ވެސް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު