ދިވެހި ވިޔަފާރިތަކަށް ގެއްލުންވާނެކަމެއް ސަރުކާރުން ނުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މިހެން ވިދާޅުވީ ތިލަފުށިން ބިން ވިއްކުމާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކާއި ގުޅިގެންނެެވެ.

މިއުވާން ވިދާޅުވީ ތިލަފުށިން ބިން ވިއްކާ މައްސަލައިގައި ބައެއް ވިޔަފާރިވެރިން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވާ އެ ބޭފުޅުންގެ ކަންބޮޑުވުން ހިއްސާކޮށްފައިވާކަމަށެވެ. އަދި އެ ބޭފުޅުންގެ ކަންބޮޑުވާންޖެހޭފަަދަ ގޮތަކަށް ސަރުކާރުން އަމަލުނުކުރައްވާނެކަމުގެ ޔަގީންކަން ސަރުކާރުން ދެއްވިކަމަށް މިއުވާން ވިދާޅުވިއެވެ.

"ރައީސް އެ ބޭފުޅުންނަށް ދެއްވި ޔަގީންކަމަކީ އެ ބޭފުޅުންނަށް ގެއްލުންވާ ގޮތަށް އެއްވެސް އުސޫލެއް ނޯންނާނެކަމަށް. ތިލަފުށި ބިމުގެ މައްސަލައިގައިވެސް އެ ބޭފުޅުންނަށް ގެއްލުން ނުވާނެގޮތަށް ކުރިއަށްދާނެކަން ވަނީ ޔަގީންކޮށްދެއްވާފައި." މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ ވިޔަފާރިންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ދިވެހި ވިޔަފާރިތަކަށް ގެއްލުންވާ ގޮތަށް އެއްވެސް ކަމެއް ނުކުރާނެކަމަށާއި އަދި ދިވެހި ވިޔަފާރިތަކަށް ފުރުސަތު ކުޑަވާ ގޮތަށްވެސް އެއްވެސް ކަމެއް ނުކުރާނެކަމުގެ ޔަގީންކަން ރައީސް ސާލިހު ދެއްވިކަމަށެވެ.

ތިލަފުށިން 50 ބިމެއް ބީލަމުގެ އުސޫލުން ވިއްކުމަށް އެޗްޑީސީން އާއްމުކޮށް އިއުލާނުކުރީ މިމަހުގެ 7 ވަނަ ދުވަހުއެވެ.

އެޗްޑީސީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ތިލަފުށީގެ ބިމުގެ ދަތިކަން ހައްލު ކުރުމަށް 150 ހެކްޓަރުގެ ބިން ތިލަފުށިން ހިއްކަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އަލަށް ހިއްކާ ބިމުގެ 90 ޕަސަންޓު ދިވެހި ވިޔަފާރިތަކަށް ހާއްސަ ކުރުމަށް ނިންމަފައިވާ ކަމަށް އެޗްޑީސީން ނެރުނު އިއުލާނުގައި ބުނެފައިވެެެއެވެ.



ކިޔުންތެރިންގެ ހިޔާލު