ކޮރޯނާ ވައިރަހަކީ ކުޑަ ވައިރަހެއް ނޫނެވެ. އާދައިގެ ވައިރަހެއް ވެސް ނޫނެވެ. އެއަށް ވުރެ ނުރައްކާތެރި ބިރުވެރި އެއްޗެއް މި ވޭތުވެދިޔަ ގަރުނުގައިވެސް ދުނިޔެއަށް ފާ ވެފައެއް ނުވެއެވެ. އޭގެ އެއް ހެއްކަކީ އެ ވައިރަހާއި ޖެހިފައި ކުޑަކަކޫ މައްޗަށް ތިރި ނުވާ ހަމައެއް ގައުމެއްވެސް ހަމަ އެކަކުވެސް ނެތް ކަމެވެ. އެ ސޮރު ކިތަންމެ ކުޑައަސް އެސޮރު ދެކެ ބިރު ނުގަންނަ، ޖެހިލުން ނުވާ ހަމަ އެކަކުވެސް މި ދުނިޔެ މަތީގައި ނެތީއެވެ. އެސޮރާއި ކުރިމަތިލައި ހަނގުރާމަ ކުރެވޭ ވަރުގެ ގާބިލުކަމެއް، ބާރެއް، ހިތްވަރެއް އަދި ކުޅަދާނަ ކެމެއް ހުރި ހަމައެކަކުވެސް މިދުޔޭގައި ނެތީއެވެ. ބާރުގަދަ ބިޔަ މުއްސަނދި ގައުމުތައްކުގެ ވެރިން ކިތަންމެ ބޮޑުބަސް ވިދާޅުވިއަސް ދެރަ ނުވާކަމަށް ހެދިގެން މޮޅު ވާހަކަ ދެއްކިއަސް ހަމަ އެތިބީ ކުޑަވެ ހަދާނެ ގޮތް ހުސްވެފައެވެ.

ރާއްޖެއަށް އެވައިރަސް އެރީ ވަރަށް ބޮޑަށް ތައްޔާރުވެފައި އޮއްވާ ކަމަށް ވެއެވެ. އެކަމަކު އިއްޔެ ރައީސް ވިދާޅުވީމާ އެނގުނު އެއްވާހަކައެއް އެބައޮތެވެ. ރާއްޖެއިން އެބައްޔަށް ފުރަތަމަ ޓެސްޓް ކުރި މީހުން ޓެސްޓް ކުރީވެސް ގައުމުން ބޭރަށް ފޮނުވައިގެން ކަމެވެ.

ކޮންމެއަކަސް އަޅުގަނޑު މިއަދު މިއުޅެނީ ގައުމު ކޮރޯނާ ވައިރަސް އަންނާން ވާއިރަށް ތައްޔާރަށް އޮތް ވަރާއި ބެހޭގޮތުން ވާހަކައެއް ދައްކާކަށް ނޫނެވެ. ކޮރޯނާ ވައިރަސް މިއޮތީ ގައުމަށް އަރައި ނިމިފައެވެ. ތައްޔާރުވެފައި އޮތްތޯ އެއް އެސޮރެއް ނުބަލައެވެ. ކޮރޯނާ ވައިރަސް ގައުމަށް ވަނީމާ ބަލި ޖެހިދާނެތީ ގަތް ބިރަށް ވުރެ އަދި ކަންބޮޑުވީ ވަރަށް ވުރެ މާބޮޑު އެހެން ކަމެއް މިއޮތީ ގައުމަށް ލައިގެންފައެވެ. މިއީ ބަލި ޖެހިދާނެ ކަމަށް ގަތް ބިރަށްވުރެ ވަކީން ކުޑަ ބިރެއް ނޫނެވެ. ވަކީން ކުޑަ ހާސްކަމެއް ނޫނެވެ.

ކޮރޯނާ ވައިރަސް އަރައިގެން ގައުމުތައް ބަންދުކޮށްގެން ތިބިއިރު މިއަދު ތަރައްގީ ވަމުން އަންނަ ގިނަ ގައުމުތަކާއި ފަގީރު ގައުމުތަކުގެ އެންމެ ބޮޑު ކަންބޮޑު ވުމަކީ އެވައިރަހުގެ ސަބަބުން މަރުވާ މީހުންނަށްވުރެ ވައިރަހުގެ ސަބަބުން ގައުމުތަކުގެ އިގްތިސޯދު ހުއްޓުނީމާ މީހުން ބަނޑަށް ޖެހިގެން މަރުވާ އަދަދު މާ ގިނަވާނެ ކަމުގެ ބިރެވެ. ދުނިޔޭގެ ކަމާބެހޭ ޖަމިއްޔާ ތަކާއި ޖަމާއަތް ތަކުގެ ވެސް އެންމެ ބޮޑު ކަންބޮޑު ވުމަކީ މިހާރު އެ ކަންބޮޑު ވުމެވެ. ރާއްޖެ ކިތަންމެ ކުޑަޔަސް އަދި މީސްކޮޅު މަދަސް މިއީ ރާއްޖެއަށް ވެސް އޮތް ބޮޑު ބިރެކެވެ. އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން އުނިވެ އެއަށް ވުރެ މައްޗަށް ގައުމު އަރާފައި ވީ ނަމަވެސް މިގައުމުގެ އިގްތިސޯދަކީ މިފަދަ ހާލަތަކާއި ކުރިމަތިލާ ވަރުގެ ބާރެއް ހުރި އިގްތިސޯދެއް ނޫނެވެ.

މުޅި ގައުމުގެ އިގިސޯދު އޮތީ ފަތުރުވެރިކަމަށް ބަރޯސާވެފައެވެ. އެ ސިނާއަތަކީ ގައުމުން ބޭރުން މީހުން ގައުމަށް އައިސްގެން ހިންގޭ ސިނާއަތެކެވެ. އެސިނާއަތުގެ ކުރިއެރުމާއި ތަރައްގީއާއި އެސިނާއަތުން ލިބޭ އާމްދަނީއެއް ވެސް ބަރޯސާ ވަނީ ގައުމުން ބޭރަށެވެ. ގައުމުން ބޭރުން ބަޔަކު ނާންނަންޏާ އެސިނާއަތް އެއީ ނެތް ސިނާއަތެކޭ އެއްހަމަ ސިނާއަތެކެވެ. އެކަމަކު މި ގައުމުގެ މުޅި އިގްތިސޯދު ބަރޯސާވަނީ އެ ސިނާއަތަށެވެ.

ކޮރޯނާ ވައިރަސް ދެކެ ބިރުން ހުރިހާ ގައުމަތަކެއްގެ ބޯޑަރު ވަނީ ބަންދު ކޮށްފައެވެ. އެންމެން ތިބީ ގޭގައެވެ. އަދި ކިރިޔާ ދޮރޯށި ހިއްލާލާފައި ގޭގެއިން މީހުން ނުކުމެ ހެލިފެލިވާން ފަށަން އުޅެނީއެވެ. އަދިވެސް ކޮރޯނާގެ ބިރުވެރިކަން ފިލައިގެން ދިޔައީކީ ނޫނެވެ. ގަބޫލުކުރަން ދައްޗަސް ހަގީގަތަކީ މިއީއެވެ.

މި ވައިރަސް އަރާ ފައިބައިގެން ދިޔައީމާ އަދި މިކަން ނިމޭކަށް އޮތީއަކީ ނޫނެވެ. ދެން އޮތީ އަދި މާ އުނދަގޫ ދަތި މަރުހަލާއެކެވެ. ހުއްޓިފައިވާ އިގުތިސޯދު ކޮޅަށް ޖެހުމުގެ ބުރަ މަސައްކަތެވެ. މީހުންނަށް އާމްދަނީ ލިބޭނެ މަގުތަކެއް ހޯދުމުގެ މަސައްކަތެވެ. އެހެންވީމާ ދެން އޮތީ މާ ބުރަ ބޮޑު މަސައްކަތް ތަކެކެވެ. އަދި ވެސް އަޅުގަނޑުމެން ބަރޯސާވާން އޮތީ ހަމަ އެއްކަލަ ފަތުރުވެރިކަމުގެ ސިނާއަތެވެ. މުޅިން ވެސް ހިސާބު ޖަހަނީ އެ ސިނާއަތުން ލިބޭނެ އެއްޗަކަށް ބަލައިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިއްޔެވެސް މުޅިން ހިސާބު ޖެއްސެވީ ފަތުރުވެރިކަމުގެ އަންދާޒާ ތަކުންނެވެ. މިއަހަރަށް ޖެހި ހިސާބުން ދެން އަހަރުގެ ބާކީ އޮތް ތަނުގައި ގައުމަށް އަންނާނެ ކަމަށް އަންދާޒާ ކުރެއްވީ ފަސް ލައްކަ ވަރަކަށް ފަތުރުވެރިން ކަމަށެވެ. މިހާރު އޮތް ބަޖެޓަށް ބަލާއިރު ގައުމު ހިންގާން 30 ވަރަކަށް ބިލިއަން ރުފިޔާ އެބަ ބޭނުން ވެއެވެ. ހަމަގައިމުވެސް ފަސް ލައްކަ ފަތުރުވެރިން އައިސްގެން ދެކޮޅު ކީއްކުރަން، އެއްކޮޅެއްވެސް ނުޖެއްސޭނެއެވެ.

ދެން ނޫސްވެރިއަކު އުފެއްދި ސުވާލަކީ ރައީސް އެހިސާބު ޖެއްސެވި ގޮތަކާއި މެދުގައެވެ. އެއީ ކިހާވަރެއްގެ ޔަގީންކަމެއް އޮވެގެން ކިހިނެއް ޖެއްސެވި ހިސާބެއް ކަމާއި މެދުގައެވެ. އަދި "ވާސްޓް ކޭސް ސިނާރިއޯ" ގައި އޮތް ޕްލޭނެއްގެ ވާހަކައިން ވެސް ސުވާލު ކުރިއެވެ. އޮޅުން ފިލުވާން ބޭނުންވަނީ ހިސާބު ޖަހާފައި އޮތް ގޮތަށް ކަންކަން ނުދިޔައީމާ ދެން އޮތް ދެވަނަ ގޮތެއްގެ ވިސްނުމެވެ. ހަގީގަތުގައި ވިސްނުން ހުއްޓާލަން ޖެހޭ ހިސާބަކީ އެއީއެވެ.

އެ ސިނާރިއޯގައި އަދި ރައީސް ގެ އަތް ޕުޅުގައި އޮތް ކަމަށް ގަބޫލުކުރެވެނީ ހަމަ އެންމެ ވިސްނުމެކެވެ. އެއީ ޚަރަދު ކުޑަ ކުރުމެވެ. އެނޫން ވިސްނުމެއް ނޫނީ އެނޫން ޕްލޭނެއް އަދި ނެތީކަމަށް ވެސް ވެދާނެއެވެ. ނޫނީ ސިޔާސަތު ކަނޑައަޅާ، ހިސާބު ޖައްސަވާ މީހުންގެ ހިސާބު އަދި ނިމިފައި އޮތީ އެހާހިސާބަށް ކަމަށްވެސް ވެދާނެއެވެ. ނޫންނަމަ އެބޭފުޅުންނަށް އަދި ފެނިވަޑައިގަންނަވަނީ އެހާ ހިސާބު ކަމަށް ވުމީވެސް ވެދާނެ ގޮތެކެވެ. ފަހަރެއްގައި އަދި މީޑިއާއަށް، އާންމުންނަށް އެހިސާބު ހާމަކޮށްދޭން ބޭނުން ނުވާތީ ބާއްވާލީ ކަމަށް ވެސް ވެދާނެއެވެ.

ދެން ރައީސް ވިދާޅުވި ވާހަކަ ފުޅަކީ ކުރިއަށް އޮތް ހަމަސް ދުވަހަކީ ވަރަށް ވެސް ދަތި ހަމަހަށް ވާނެ ކަމުގެ ހިތާމެވެރި ވާހަކައެވެ. އެކަމަށް ރައްޔިތުން ތައްޔާރުވާން ޖެހޭ ވާހަކައެވެ. ބޭނުން ނުވިޔަސް އެދުވަސް ތަކާއި ކުރިމަތިލާން ޖެހޭނެ ވާހަކައެވެ. ސަރުކާރުގެ އޮތް ޕްލޭނަކީ ޚަރަދުތައް ކުޑަކޮށްގެން އެދުވަސްތަކާއި ކުރިމަތި ލުމުގެ ވިސްނުމެވެ.

ވާސްޓް ކޭސް ސިނާރިއޯގައި ސަރުކާރުގެ އޮތީ ޚަރަދުތައް ކުޑަކުރުމުގެ ޕްލޭނެވެ. ރައްޔިތުންގެ އޮތީ ކޮން ޕެލޭނެއް ބާވައެވެ؟ ރައްޔިތުންނަށް ޚަރަދު ކުޑަ ކުރެވޭނީ އާމްދަނީ އެއްލިގެންތާއެވެ؟ މިދައްކަނީ އިގުތިސޯދު ހުއްޓިފައި އޮތުމުން، އިގުތިސޯދު ހިނގައި ނުގަންނާތީ އާންމު ރައްޔިތު މީހާއަށް އާމްދަނީ ނުލިބޭ ވާހަކައެވެ. އާންމު ރައްޔިތު މީހާއަށް އާމްދަނީ ނުލިބެންޏާ ކަންމަތީ ފިހާރައެއް ނުހިނގާނެއެވެ. ކަންމަތީ ފިހާރަ ނުހިނގަންޏާ ބާޒާރު މަތީގެ ބޮޑެތި ފިހާރަތަކެއް ނުހިނގާނެއެވެ. ބާޒާރު މަތީގެ ބޮޑެތި ފިހާރަތައް ނުހިނގަންޏާ ގައުމުގެ ވިޔަފާރި ހުއްޓުނީއެވެ. އާމްދަނީ ނުލިބޭ ކަމަށް ވަންޏާ ގިނަ ރައްޔިތުން ބަރޯސާ ވާނީ ސަރުކާރުގެ އެހީއަށެވެ. ކޮރޯނާ ވައިރަސްގެ ސަބަބުން ހުއްޓުނު އާންމްދަނީ ލިބެން ފަށައިގެން ނޫނީ އެކަމަކަށް ހައްލެއް ނުލިބޭނެއެވެ.

ކުރިއަށް އޮތް ހަމަސް ދުވަހުގެ ދަތިން އަރައިގަތުމަށް އެންމެ ގޯސް ހާލަތުގައި ސަރުކާރުގެ އަދި އޮތީ ޚަރަދު ކުޑަކުރުމެވެ. ފަސް ލައްކަ ފަތުރުވެރިން އައިސްގެން ހަމަގައިމުވެސް އަންދާޒާ ކުރާ އާމްދަނީގެ ދެބައިކުޅަ އެއްބަޔާއި ގާތަށް ވެސް އާމްދަނީއެއް ނުލިބޭނެއެވެ. ދެން ހަމައެކަނި އޮތީ ބޭރުގެ އެހީތަކަށް ބަރޯސާ ވުމެވެ. ފިނޭންސް މިނިސްޓަރ ޖައްސަވާ ހިސާބަކު އަދި އެވަރެއް ނެތެވެ. ނަމަވެސް ރައީސްގެ ވާހަކަފުޅުންވެސް އެގުނީ ސަރުކާރުގެ ވާސްޓް ކޭސް ސިނާރިއޯ އަކީ ލޯނުތަކަށްވެސް ދިއުން ކަމެވެ. ދަތި ހާލުގައި އޮތް ހަމައެކަނި ހައްލަކީ އެއީކަމެވެ. ފަސް ލައްކަ ފަތުރުވެރިންނަކީ ހަމަ ކުރެވޭ އުއްމީދެކެވެ. ފަތުރުވެރިކަން އަލުން ފަށައިގަންނަން ޖަހާފައިވާ ހިސާބެކެވެ.

ކަނޑައެޅިގެން ވިދާޅުނުވިއަސް ރައީސަށް ވެސް ސަރުކާރަށްވެސް ފެނިވަޑައިގަންނަވާ މަންޒަރަކީ އެއީ ކަމުގައި ގަބޫލުކުރެވެއެވެ. އާމްދަނީ ލިބޭނެ ގޮތެއް ނެތިއްޔާ ސީދާ ރައްޔިތުން އަތަށް، ރައްޔިތުންގެ ޖީބަށް، ނުވަތަ އެކައުންޓަށް ފައިސާ ވަދެގެން ނޫނީ މައްސަލައަށް ހައްލެއް ނެތެވެ. ބަނޑުހައި ހޫނުކަން ބޮޑު ވި ވަރަކަށް، އަތްމަތި ދަތިވެ ބިކަވި ވަރަކަށް ރައްޔިތުން އަންނާނީ ރުޅިއެވެ. އަރާނީ ރަތަށެވެ. އަތުން ފައިން ދެން ހެދޭނީ ގޯހެވެ.

ހަގީގަތުގައި ވެސް ކުރިއަށް އޮތް ދަތި ހަމަސް ދުވަހުގެ ހަމަ އެކަނި ހައްލަކީ ޚަރަދު ކުޑަކުރުމެއް ނޫނެވެ. ޚަރަދު ކުޑަ ކުރުމާއެކު އާމްދަނީ ނުލިބޭތަން ފޫބެއްދުމަށް އޮތް ހައްލެއް ވެސް އޮންނާން ޖެހެއެވެ. އާމްދަނީ ހޯދަނީ ހަމައެކަނި ރިސޯޓެއްގައި ވަޒީފާ އަދާ ކޮށްގެންނެއް ނޫނެވެ. އަދި ހަމައެކަނި ސަރުކާރުގައި ވަޒީފާ އަދާކޮށްގެނެއްވެސް ނޫނެވެ.

އާމްދަނީ ނުލިބި ދަތިވާ ކޮންމެ މީހަކަށް، އާމްދަނީ ލިބެން ފަށާންދެން ދިގު މުއްދަތުގައި ދައްކާ ޚަލާސް ކުރާ ގޮތަށް ލުއި ލޯން ސްކީމެއް ފަދަ އެހީގެ ޕެކޭޖެއް ތަޢާރަފު ކުރަން އެބަޖެހެވެ. ބޭންކުން އެދޭ ލުއިލޯނު ފަދަ ނަމަވެސް އެއަށްވުރެ ކުޑަ އިންޓެރެސްޓެއް ނަގާފައި ނަމަވެސް މީހާގެ ނަފުސަށް ބަރޯސާވެ ދޫކުރާ ލޯނު ސްކީމެއް ތަޢާރަފު ކުރަނިކޮށް ދިރިއުޅުމުގެ ހާލަތު އާންމު ހާލަތަކަށް ބަދަލު ވާންދެން، އުޅެލެވޭ ވަރަށް އެއްޗެއް ލިބޭނެ މަގެއް ހޯދެންދެން ފަރުޖެއްސޭނެއެވެ. މިއީ ހަމަގައިމުވެސް ގިނަ ބަޔަކަށް އެކަމުން ފައިދާ ލިބިގެންދާނެ ކަމެކެވެ. އުއްމީދެއް ދެވިދާނެ، ހިތްވަރެއް ދެވިދާނެ މަގެކެވެ.


ކިޔުންތެރިންގެ ހިޔާލު


9

ކިނބޫ

26-Jun-2020

ކީރިތި ކުރެއްވުމާއި ވިއްދާފަ ހުރި މުޑިތަކަށް ހޭހަން ކުރުން ނޫން ޕްލޭނެއް ނެތް. އެއްވެސް ބަޔަކު ލާރިއެއް ދޭކަށް އެއްބަހެއް ނުވި. މޮޔައިންތަކަކަށް ލާރިއެއް ނުދެވޭނެނު.



ޓްރެންޑިން