ރާއްޖޭގައި މިހާތަނަށް ހިނގާފައިވާ ނުރައްކާތެރި އެކްސިޑެންޓްތަކުގައި ގިނަ މީހުންގެ ފުރާނަ ދަނީ ބޮލަށް ލިބޭ އަނިޔާތަކުގެ ސަބަބުންނެވެ. މިއީ ދުނިޔޭގެ ނިސްބަތުން ވެސް މިކަން އޮތްގޮތެވެ. ދުނިޔޭގެ ހުރިހާ ގައުމެއްގައިހެން ސައިކަލު ދުއްވާއިރު ހެލްމެޓް އަޅަން މަޖުބޫރު ވަނީ މި ސަބަބަށްޓަކައެވެ. ހެލްމެޓް އެޅުމުން އެކްސިޑެންޓް ތަކުގައި ބޮލަށް ލިބޭ ގެއްލުން ކުޑަކުރެވޭތީއެވެ. ބޯ ސަލާމަތް ކުރެވިއްޖެ ނަމަ ނުރައްކާތެރި އެކްސިޑެންޓް ތަކުގައި ފުރާނަ ގެއްލުން ކުޑަކޮށްދެއެވެ.

ރާއްޖޭގެ ގިނަ ބަޔަކަށް ކަމުނުދާ، ރާއްޖޭގައި އަލަށް ކުރާ ކަމަކަށް ވެފައި އޮތް ހެލްމެޓް އެޅުން ތައާރަފުކުރީ ސިނަމާލެ ބްރިޖާއި އެކުގައެވެ. ސިނަމާލެ ބްރިޖާއި ބްރިޖާ ގުޅޭ ހައިވޭގައި ހިނގާ އެކްސިޑެންޓްތައް ވަރަށް ބޮޑަށް އިތުރުވުމާއި ގުޅިގެން ބްރިޖުމަތިން ހުރަސް ކުރާއިރުއާއި ބްރިޖާއި ގުޅޭ ހައިވޭ ތަކުގައި އިންޖީނުލީ އުޅަނދުފަހަރު ދުއްވާއިރު ހެލްމެޓް އަޅަން މަޖުބޫރުކުރީ 2019 ވަނަ އަހަރުގެ މާޗްމަހުގެ ތެރޭގައެވެ. އެގޮތުން ހެލްމެޓް އަޅަން މަޖުބޫރުކޮށް ހެލްމެޓް އެޅުމުގައި އަމަލުކުރަންޖެހޭ އުސޫލާއި ހެލްމެޓްގައި ހުންނަންޖެހޭ ފެންވަރާއި ގޮތްވެސް ވަނީ ކަނޑައަޅާފައެވެ.

އޭގެ ތެރޭގައި ހެލްމެޓަކީ ބޮލަށް ހެޔޮވަރުގެ ހެލްމެޓަކަށް ވުމާއި، ދަތްދޮޅިދަށުން ހަރުކުރެވޭގޮތަށް ހާއްސަ ކަމަރެއް ހަރުކޮށްފައިވާ ހެލްމެޓަކަށް ވުން ހިމެނެއެވެ. އަދިހެލްމެޓާއި އޭގައި ބޭނުންކޮށްފައިވާ ކަމަރުގައި އެއްވެސް ތޫނު އެއްޗެއް ނުވަތަ ތޫނު ތަނެއް ނުވަތަ ޖޮއިންޓެއް ނެތުމާއި ޓިންޓެޑް މެޓީރިއަލް ހެލްމެޓަކަށް ނުވުމާއި ހެލްމެޓުގައި ހަރުކޮށްފައި ހުންނަ ސްކުރީނަކީ މޫނުފެންނަ މެޓީރިއަލަކުން ހަދާފައި ހުންނަ ސްކްރީނަކަށް ވާންޖެހޭ ކަމަށް އެގަވާއިދުގައި ބުނެފައިިވެއެވެ. އަދި ހެލްމެޓުގެ ކުލައަކީ ލޮލަށް އުނދަގޫ ނުވާފަދަ ކުލައަކަށްވުމާއި ހެލްމެޓު އެޅުމުން ކާކުކަން ނޭންގޭގޮތަށް މޫނު ނުފޮރުވޭ ހެލްމެޓަކަށް ވުމަކީ ހެލްމެޓް އެޅުމުގައި ބަލަންޖެހޭ ޝަރުތު ތަކެެވެ.

އެގަވާއިދުގައި ކަޅާއި ހުދުން މިހާ ސާފުކޮށް ބަޔާންކޮށްފައިވީ ނަމަވެސް އާންމުންގެ ގިނަ ބަޔަކު އެ ގަވާއިދަށް އަމަލެއް ނުކުރެއެވެ. ގިނަ މީހުންނަށް އެ ގަވާއިދުގައި އޮތް އެއްޗެއް ވެސް ނޭގެއެވެ. އެ ގަވާއިދު ތަންފީޒު ކުރަން ފުލުހުންގެވެސް މާބޮޑު ދައުރެއް ނެތެވެ.

ފުލުހުންގެ ހަމައެކަނި ޒިންމާއަކީ ބްރިޖަށް އަރާ ފައިބާ މީހުންނަކީ ހެލްމެޓް އަޅައިގެން ދުއްވާ ބަޔެއްތޯ ބަލާލުން އެކަންޏެެެވެ. ދެން އެކްސިޑެންޓެއް ވުމުން ސީނަށް ދިޔުމެވެެ.

ރައްކާތެރިކަމުގެ ގޮތުން އަޅާ މި ހެލްމެޓް އެޅުން ގިނަ ބަޔަކަށް ވެފައިވަނީ ބޮޑު ބުރައަކަށެވެ. ނާތަހުޒީބު ކަޑަ ކަމަކަށެވެ. ބްރިިޖް ހުރަސްކުރަންވެގެން ހެލްމެޓް ބޮލަށް ވައްޓާލެވުނީމާ އެ ނިމުނީއެވެ. ހެލްމެޓް ވާގަނޑު ރަނގަޅަށް އެޅުވުނުތޯ ހެލްމެޓް އެޅިފައިވަނީ ރަނގަޅަށްތޯ ބަލާ މީހަކު އަމުދުން ނުވެސް އުޅެނީއެވެ. ހެލްމެޓް ބައެއް މީހުން އަޅަނީ "އަމާބުނީތީ ފަރަށް ދާ އުސޫލުންނެެވެ."

ބުރިޖު ހުރަސްކޮށް ހުޅުމާލެއަށް ކޮންމެ ދުވަހަކު 4 ދަތުރު ކުރާ މީހަކު "ރަސްއޮންލައިން" އަށް ބުނީ ހެލްމެޓުގެ ވާގަޑު ބާރު ނުކޮށް ނުވަތަ ހެލްމެޓް ސްރެޕް ގެ ކިލިޕް ނައަޅުވާ ދުއްވުމަކީ އާއްމުކަމެއް ކަމަށެެވެ. އެކަން ފާހަގަވަނީ މުޅިންވެސް ދިވެހިންގެ ފަރާތުން ކަމަށާއި ދިވެހިންގެ ހޭލުންތެރިކަން އެކަމުގައި ވަރަށް ކުޑަކަމަށް އޭނާ ބުންޏެވެ.

ބްރިޖްގައި އާންމުކޮށް ދަތުރުކުރާ މީހަކު ބުނީ އަމިއްލަ ސަލާމަތަށް ޓަކައި ހެލްމެޓަކީ މަޖުބޫރުވެގެން އަޅާއެއްޗަކަށް ނުވަތަ ފެޝަނަކަށް އަޅާއެއްޗަކަށް ހެދުމަށްބުރެ ބޮޑަށް ތިމާގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރާކަމެއްކަން އަމިއްލައަށް ގަބޫލު ކުރެވެން ޖެހޭނެ ކަމަށެވެ.

"ވަރަށްގިނައިން ފެނޭ ހެލްމެޓްގެ މޫނުމަތީގައި އިންނަ ކެހޭ ޕްލާސްޓިކް ގަނޑުވެސް މައްޗަށްނަގައިގެން ވަރަށް ދޫކޮށް ވާގަނޑުވެސް އަޅުވާލައިގެން ދުއްވާތަން. މިކަމެއް ފުލުހުން ވެސް ބަލާކަށް ނޫޅޭ،" ބްރިޖް ހުރަސްކޮށް ކޮންމެ ދުވަހަކު ވެސް މާލެ އަންނަ އެމީހާ ހިތްހަމަނުޖެހުން ފާޅުކޮށް ބުންޏެެވެ.

ހެލްމެޓް އެޅުމުގައި ފަރުވާ ކުޑަކުރުމުގެ ސަބަބުން ބްރިޖް މަތީގައާއި ބްރިޖާ ގުޅިފައިވާ ހައިވޭ ތަކުގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓް ތަކުގައި ވަރަށް ބޮޑެތި އަނިޔާތައްލިބި އެތައް ފުރާނައެއް މިހާރުވެސް ވަނީ ގެއްލިފައެވެ. ނޫނީ މުޅި އުމުރަށް ނުކުޅެދުންތެރިކަން ތަހައްމަލް ކުރަން ޖެހިފައިވާ އެތައް ބަޔަކު އެބައުޅެއެވެ.

އެގޮތުން ދާދިފަހުން ސިނަމާލޭ ބްރިޖްގައި ދުއްވާފައި ދިޔަ ސައިކަލެއްގެ ފަހަތުގައި އިން ކުއްޖެއްގެ ހެލްމެޓްގެ ވާގަނޑު ރަނގަޅަށް ނާޅުވައި އިނުމުން ހެލްމެޓް ވަޔާ ވެއްޓުނު ވަގުތު ފަހަތުން އައި ދެ ސައިކަލެއް ކުއްލިއަކަށް މަޑުކުރަން އުޅުމުގެ ތެރޭގައި އެއް ސައިކަލު ކަހާލައިގެން ވެއްޓި މީހަކަށް ސީރިއަސް އަނިޔާތަކެއް ވެސް ލިބުނެވެެ. ބްރިޖް މަތިން ހުޅުމާލެއިން މާލެއަށް ދަނިކޮށް ހިނގި މި އެކްސިޑެންޓްގައި އަނިޔާ ލިބިފައިވަނީ ހިރިޔާ ސްކޫލްގެ އަންހެން ޓީޗަރަކަށެވެ.

އެ ޓީޗަރުގެ ފިރިމިހާ ބުނީ އަންހެނުން ބޮލަށް އަނިޔާއެއް ނުވެ ސަލާމަތްވީ ހެލްމެޓްގެ ސަބަބުން ކަމަަށެވެ. އަދި ހެލްމެޓް ވަރަށް ބޮޑަށް ގޭނިފައި ހުރި ކަމަށާއި އެކަމަކު އެހާ ބާރަށް ވެއްޓުމުން ވެސް ބޮލުން ހެލްމެޓް ނުނެއްޓުމުން ބޮލަށް އަނިޔާއެއް ނުލިބި ސަލާމަތްވި ކަމަށް އޭނާ ބުނެފައިވެއެވެެ. މިދެންނެވި ޓީޗަރު މަރުގެ މި އެތިފަހަރުން ސަލާމަތްވީ އެއްކަލަ "ހެލްމެޓް"ގެ ސަބަބުންނެެވެ. މިކަހަލަ ކިތަންމެ ހާދިސާއެއް ހިނގާފައި އެބަހުއްޓެވެެ.

މިހާތަނަށް ހިނގާފައިވާ އެކްސިޑެންޓް ތަކަށް ބަލާއިރު އެކްސިޑެންޓްތަކުގައި ގިނަ މީހުން މަރުވެފައިވަނީ ރަނގަޅަށް ހެލްމެޓް ނޭޅުމުގެ ސަބަބުން ހެލްމެޓް ވިއްސައިގެން ގޮސް ބޮލަށް ލިބިފައިވާ އަނިޔާތަކުގެ ސަބަބުން ސިކުނޑިއަށް ލޭއެޅިގެން ނުވަތަ ބޮލަށް ސީރިއަސް އަނިޔާތައް ލިބިގެންނެވެ.

ހެލެމްޓް ހުންނަންޖެހޭނީ އެކްސިޑެންޓެއް ވިޔަސް ވިއްްސައިގެން ނުދާހާ ބާރުކޮށެް ބޮލުގައި ރަނގަޅަށް ހަރުކޮށްފައެވެ. އެކްސިޑެންޓެއް ހިނގައިފިނަމަ މީހާ އަަށް ލިބެންޖެހޭ ސަލާމަތާއި ރައްކާތެރިކަން ލިބޭނީ އޭރުންނެެވެ. އެހެންކަމުން ހެލްމެޓް އެޅުމުގައި ފަރުވާ ކުޑަކުރުމަކީ އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫނެވެ. ޙެލްމެޓަކީ މީހާގެ ފުރާނައާއި ގުޅިފައިވާ މުހިންމު ވަސީލަތެއްކަން ގަބޫލު ކުރާށެވެ. އެކްސިޑެންޓަކީ ތިމާއަށް އެނގިގެން ހިނގާ ކަމެއް ނޫނެވެ. ރައްކާވެ ތިބިއްޔާ ދަތުރޭ ބުނާ ބަސް ގަބޫލުކުރާށެވެ. ތިމާއަށް އެނގި ހުރެ ނުރައްކަލަށް ހުށަނޭޅޭށެވެ. ތިމާ އަމިއްލައަށް ނުހޯދި ރައްކަލެއް އެހެން މީހަކަށް ހޯދައެއް ނުދެވޭނެ އެވެ.


ކިޔުންތެރިންގެ ހިޔާލު


9

އަހުމަދު

22-Feb-2023

ވަރަށް މަދުން ފެންނަކަހަލަ ރަނގަޅު ލިޔުމެއް.ޓްރެންޑިން