ދުނިޔޭގެ އެންމެ މަޝްހޫރު މީޑިއާތަކަށް ނިސްބަތްވާ ބައެއް ނޫސްވެރިން ޓްވިޓަރއިން ބޭރުކޮށްލައިފިއެވެ.

ބުރާސްފަތިދުވަހު ޓްވިޓަރ ބޭނުން ނުކުރެވޭ ގޮތަށް އުމުރަށް "ބޭން" ކޮށްފައިވާ ނޫސްވެރިންގެ ތެރޭގައި މަޝްހޫރު ސީއެންއެން، ނިއުޔޯކް ޓައިމްސް އަދި ވޮޝިންޓަން ޕޯސްޓްގެ ނޫސްވެރިން ހިމެނެއެވެ.

މަޝްހޫރު ނޫސްވެރިންތަކެއް ޓްވިޓަރއިން ބޭރުކޮށްލި ސަބަބެއް ޓްވިޓަރއިން ހާމަކޮށްފައެއް ނުވެއެވެ. އަދި ޓްވިޓަރގެ ވެރިޔާ އިލާން މަސްކުވެސް އެކަމާއި ގުޅޭގޮތުން ވާހަކަދައްކާފައެއް ނުވެއެވެ. ނަމަވެސް ޓްވިޓަރއިން ބޭންކޮށްފައިވާ ނޫސްވެރިންނަކީ މިފަހުން ޓްވިޓާގެ ވެރިޔާއަށް ފާޑު ކިޔައި ހަބަރުތައް ގެނެސްދެމުންދިޔަ ނޫސްވެރިންތަކެއްކަން ފާހަގަކޮށްލެވެއެވެ.

ޓްވިޓަރއިން ނޫސްވެރިންތަކެއް ބޭރުކުރި ސީދާ ސަބަބު ހާމަނުކުރިނަމަވެސް އިލާން މަސްކު ދަތުރުކުރަމުންދިޔަ ޖެޓެއްގެ ލައިވް ލޮކޭޝަން ޓްވިޓާރއިން އެ ނޫސްވެރިން ހިއްސާކޮށް، އޭނާއަށް ނުރައްކާ ކުރިމަތިކުރުވާފައިވާކަމަށް އިލާން މަސްކު ވަނީ މީގެކުރިން ބުނެފައެވެ. އެހެންކަމުން މިއީ އެކަމާއި ގުޅިގެން އެޅި ފިޔަވަޅެއްކަމަށް ބެލެވެއެވެ. ނަމަވެސް ޓްވިޓަރއިން ބޭރުކޮށްލި ނޫސްވެރިންގެ ތެރޭގައި ހިމެނޭ ސީއެންއެންގެ ނޫސްވެރިޔާ ބުނީ އޭނާ އެފަދަ ކަމެއް ނުކުރާކަމަށެވެ.

މަޝްހޫރު ނޫސްވެރިންތަކެއް ޓްވިޓަރއިން ބޭރުކޮށްލި މައްސަލައިގައި ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މިއީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ގޮވާލާ އިލާން މަސްކުގެ އިހްލާސްތެރިކަމާމެދު ސުވާލު އުފެދޭކަމެއްކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމެއްކަމަށްވާ ޓްވިޓަރ ގަތުމަށްފަހު އިލާން މަސްކު ގެންދަނީ އެއަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ. އޭނާ ގެންނަމުންދާ ބަދަލުތަކާއި މެދު ބައެއް މީހުން ހިތްހަމަޖެހުނަސް، ބައެއް ފަރާތްތަކުން އަންނަނީ އެކަންކަމަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު