މަރުކޮމިޝަންގެ މެންބަރު މިސްބާހު އައްބާސްގެ މައްޗަށް ދައުވާ ކުރަން ނިއްމައިފައިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން މިރޭ ބުނެފިއެވެ.

މަރުކޮމިޝަންގެ މެންބަރު މިސްބާހު އައްބާސްގެ މައްޗަށް ދައުވާ ކުރަން ނިއްމާފައިވަނީ ނޫސްވެރިޔާ ރިލްވާން ގެއްލުވާލި މައްސަލައިގައި ހިމެނޭ ތ. އޮމަދޫ، މުހައްމަދު މުނާޒް ޔާމީނާ ބައްދަލުކުރި ކަމަށާއި އޭނާ ސީރިޔާއަށް ފުރުވާލުމުގައި ޔާމިން އެހީތެރިވެ ދެއްވިކަމަށް މިސްބާހު ވިދާޅުވުމާއި ގުޅިގެންނެެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިސްބާހު ދެއްކެވީ އެއްވެސް އަސާސެއް ނެތް ޔޯލަ ވާހަކަތަކެއް ކަމަށެވެ. އަދި މިއީ ވަކި ބަޔަކަށް ސިޔާސީ މަންފާ ހޯދައިދީ ރައީސް ޔާމީންގެ އަބުރުކަތިލުމަށް ކޮށްފައިވާ ވަރަށް ދަށު ދަރަޖައިގެ ސިޔާސީ ސްޓަންޓެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ރައީސް ޔާމިންގެ ގާނޫނީ ޓީމުން ބުނީ އެ ވާހަކަތަކާއި ގުޅިގެން މިސްބާހުގެ މައްޗަށް އަބުރުގެ ދައުވާ ކުރަން ނިންމާ ދައުވާ ފޯމް ތައްޔާރު ކުރަމުންދާ ކަމަށެވެ. އަދި އެކަމާއި ގުޅިގެން އަޅަން ޖެހޭ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ރައީސް ޔާމިންގެ ގާނޫނީ ޓީމުން ވަނީ ބުނެފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަރުކޮމިޝަންގެ މެންބަރު މިސްބާހު އައްބާސް ވިދާޅުވީ ރިލްވާން މަރަން ކަންތައް ކުރި ގޮތާއި ޝާމިލްވި މީހުން، އޭނާ ނުހިމެނޭ ގޮތަށް އެމައްސަލައިގައި ތުހުމަތުކުރެވޭ މުހައްމަދު މުނާޒް ޔާމީނަށް ކިޔައިދީފައިވާ ކަމަށެެވެ. މުނާޒް ސީރިއާއަށް ފޮނުވީ ރައީސް ޔާމީންގެ އެހީތެރިކަމާއެކު ކަމަށް މިސްބާހް ވިދާޅުވިއެެވެ.



ކިޔުންތެރިންގެ ހިޔާލު