ސިޔާސީ ބޭނުމަށް ގޭންގުތަކާ ކުރީ ސަރުކާރުގެ އިސް ފަރާތްތަކުން ގުޅުން ބަދަހިކޮށްފައިވާ ކަމަށް މަރު ކޮމިޝަނުން ބުނެފި އެވެ.

މަރު ކޮމިޝަނުން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަނުގެ ރައީސް ފަރީޝާ އަބްދުﷲ ވިދާޅުވީ، ސިޔާސީ ބޭނުމަށް ގޭންގުތަކާ ކުރީ ސަރުކާރުގެ އިސް ފަރާތްތަކުން ގުޅުން ބަދަހިކޮށްފައިވާކަން އެކޮމިޝަންގެ ތަހުގީގަށް އެނގިފައިވާ ކަަމަށެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެންނާއި އެހެނިހެން ގޮތްގޮތުން ކުށްކުރާ ގޭންގުތަކަށް ފަންޑުކުރަމުންދިޔަ ކަމަށް ފަރީޝާ ވިދާޅުވިއެެވެ.

އޭނާ ވިދާޅުވީ ފައިސާ ދީފައިވަނީ ކުޅިވަރު ޖަމިއްޔާތަކާއި ޒުވާނުންގެ އެކި ކަންކަމަށް އެހީތެރިވުމުގެ ނަމުގައިކަން ކޮމިޝަނަށް އެނގިފައިވާ ކަމަށެވެ. އެމައުލޫމާތަކީ އޭރުގެ ސަރުކާރުގެ އިސް ފަރާތެއްގެ ގޮތުގައި މަސައްކަތް ކުރި ފަރާތަކުން ލިބިފައިވާ މައުލޫމާތެއް ކަމަށް ފަރީޝާ ވިދާޅުވިއެވެ.

"މާލޭގައި ހިންގަމުންދިޔަ ކުށްކުރާ ގުރޫޕްތައް، އެމީހުންނަކީ ސްޕޯޓްސް ކުލަބެއްގެ ގޮތުގައި ރަޖިސްޓްރީކޮށް ސްޕޯޓްސް އިވެންޓެއް ވެސް ވަނީ ބާއްވާފައި، އެއަށް އެމީހުންނަށް ސޮޕްންސަރޝިޕް ސަރުކާރުގެ އެކި އިދާރާތަކުން ސަރުކާރުގެ ކުންފުނިތަކުން ވެސް ސޮޕްންސަރޝިޕް ދީ އެމީހުންނަށް އެކިގޮތްގޮތުން މާލީ ތަނަވަސްކަން ލިބޭނެ މަގު ފަހިކޮށްދީފައިވާ ކަން ތަހުގީގަށް އެނގިފައިވޭ،" ކުރީގެ ސަރުކާރުން ގޭންގުތަކަށް ވާގިވެރިވިކަން ހާމަކުރަށްވަމުން ފަރީޝާ ވިދާޅުވިއެވެ.

މީގެ އިތުރުން ފަރީޝާ ވިދާޅުވީ ގޭންގުތަކުން ސިޔާސީ ފަރާތްތަކަށް ތާއީދުކޮށް، ސިޔާސީ ކެމްޕޭނުކޮށްދީ އަދި ޖަލްސާތައް ބާއްވަން އެހީތެރިވެދިނުމުގެ އިތުރުން އެފަރާތްތަކާއި ދެކޮޅު ސިޔާސީ ފަރާތްތަކުން ހިންގާ ސިޔާސީ ހަރަކާތްތަކަށް ހުރަސްއަޅަން އެހީތެރިވެދީފައިވާ ކަމަށެވެ. އަދި ސިޔާސީ ބޭނުމަށް ގޭންގުތަކާ ކުރީ ސަރުކާރުގެ އިސް ފަރާތްތަކުން ގުޅުން ބަދަހިކުރުމުގެ ނަތީޖާއެއްގެ ގޮތުން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ތަފާތު ހިޔާލުތަކުގެ މީހުންނާއި ހަރުކަށި ފިކުރުގެ މީހުން ދެމުންގެންދިޔަ ބަހުގެ ހަމަލާތަކުގައި ގޭންގުތަކުގައި ހިމެނޭ ފަރާތްތަކުން ފާޅުކަން ބޮޑު ގޮތެއްގައި ބައިވެރިވެފައިވާ ކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.

މީގެއިތުރުން ދީނަށް ފުރައްސާރަކުރާ ކަމަށް ގޭންގުތަކަށް ގަބޫލުކުރެވޭ މީހުންނަށް ބިރުދެއްކުމާއި، ފުރައްސާރަކުރުމާއި އަނިޔާދިނުން އަދި އިންޒާރު ދިނުން ފަދަ ކަންކަން ހިންގަންފެށި ކަމަށް ފަރީޝާ ވިދާޅުވި އެވެ. އިތުރަށް ވާހަކަ ދައްކަވަމުން ފަރީޝާ ވިދާޅުވީ ކުރީގެ ސަރުކާރުން ރާއްޖޭގައި ޒުުވާނުން ކިޔަނީ ގޭންގުތަކަށް ނިސްބަތްވާ މީހުންނަށް ކަމަށެވެ. އޭރުގެ ސަރުކާރަށް ނިސްބަތްވާ ޕާޓީގެ ފަރާތްތަކުން ރާއްޖޭގައި ގޭންގުތަކެއް ނެތްކަމަށް ބުނެފައިވާ ކަމަށް ފަރީޝާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު