ނޫސްވެރިޔާ އަޙްމަދު ރިޟްވާން ވަނީ މަރާލާފައިކަމަށާއި އޭނާ މަރާލާފައިވަނީ ކަރު ބުރިކޮށްލައިގެން ކަމުގެ ހެކި އެބަހުރިކަމަށް އެ މައްސަލަ ބެލުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އުފެއްދެވި މަރުކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުން މިއަދުވަނީ ރިލުވާންއާއި ގުޅޭ މައްސަލައިގެ ރިޕޯޓު ރައީސް ޞާލިޙަށް އަރުވާފައެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ރިޕޯޓު ރައީސަށް އެރުވިއިރު އެ ކޮމިޝަނުންވަނީ ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތަކާއި ގުޅޭ ގިނަ މައުލޫމާތުތަކެއް ހާމަ ކޮށްފައެވެ.

ރިލުވާން ގެއްލުވާލި މައްސަލައިގައި ދައުލަތުން ތިން މީހެއްގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައެވެ. އެއީ ހ ހިލްޓަން އަހުމަދު އާލިފް ރައޫފް އާއި ސ ހުޅުދޫ އަތިރީއާގޭ މުހައްމަދު ސުއައިދު ގެ އިތުރުން ގދ ވާދޫ ކަރަންކާގެ މުހައްމަދު ނޫރައްދީނެވެ.

މި މައްސަލައަކީ ވެރިކަމުގެ މި ދައުރުގައި އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާނެ މައްސަލަކަން މީގެ ކުރިން ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.

ގެއްލުވާލިތާ އަށް އަހަރުފަހުން އެ މައްސަލަ ތަހުގީގު ކުރި މަރު ކޮމިޝަނުން ނެރުނު ރިޕޯޓްގައި ބުނެފައިވަނީ ރިލުވާނަށް ހަމަލާ ދީފައިވަނީ ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތެއްގެ ބައެއް ކަމަށެވެ.

މަރުކޮމިޝަނުން ހޯދި ހޯދުންތަކުގެ ތެރޭގައި ރިޕޯޓުގައި ބުނެފައިވަނީ، ހަރުކަށި ފިކުރުގެ ފަރާތްތަކާބެހޭ ގޮތުން ރިޟްވާން ލިޔެފައިވާ ބައެއް ހަބަރުތަކާ ގުޅިގެން ސީރިޔާގައި ހަރަކާތްތެރިވަމުން ދިޔަ ދިވެހި ހަނގުރާމަވެރިންގެ ފަރާތުން ވެސް ރިލްވާނަށް އިންޒާރުދީފައިވާ ކަމަށެވެ.

އަދި އޭގެ ތެރޭގައި ހިމެނޭ މީހެއްކަމަށްވާ އިސްމާޢީލް ޢަބްދުއްރަހީމް ދިޔައީ ރިލްވާނަށް އެކިފަހަރުމަތިން ފާރަލަމުން ކަމަށާއި ރިލްވާން އެރޭ ގަދަކަމުން ކާރަކަށް އެރުވީ ދެމީހަކު ވެގެން ކަމަށާއި އެ ކާރުގައި 3 މީހަކު ތިބިކަމަށް ވެސް ވެއެވެ.

ކޮމިޝަނުން ބުނީ 2014 ވަނަ އަހަރުގެ އޮގަސްޓް 7 ވަނަ ދުވަހުގެ ރޭ ދަންވަރު 1:45 ގައި ކާރުގައި ގަދަކަމުން ގެންގޮސް ރިލްވާން އެރުވީ ޑިންގީއަކަށް ކަމަށާއި އެއަށްފަހު ކަންނެލި ދޯންޏަކަށް އެރުވުމަށްފަހު ކަލިމަލައިދީ ކަރުބުރިކޮށްލައި މަރާލުމަށް ފަހު ކަނޑު ފައްތާފައިވާކަމަށް ތަހުގީގަށް އެނގިފައިވާކަމަށެވެ.

ކޮމިޝަނުން ބުނީ އެ އަމަލު ހިންގީ ގިނަ ބަޔަކު ގުޅިގެން ކަމަށާއި އޭގެ ތެރެއިން ގިނަބަޔަކު ސީރިއާއަށްގޮސް މަރުވެފައިވާކަން އެނގިފައިވާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު