ދިވެހިން ހިންގާ މަތީ ތައުލީމް ދޭ މަރުކަޒުތަކަށް ފުރުސަތު ނުދީ، ބޭރުގެ ޔުނިވަސިޓީތަކަށް ފުރުސަތުދޭން ސަރުކާރުން ނިންމެވުމާއި ގުޅިގެން މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނާއިބު ރައީސް އަހުމަދު ޝަރީފް ފާޑު ވިދާޅުވެއްޖެއެވެ.

ޝަރީފް އެކަމަށް ފާޑު ކިޔާވިދާޅުވެފައި މިވަނީ ރާއްޖެއިން ސިޔާސީ ގުޅުން ގާއިމްކޮށްފައިވާ ގައުމުތަކުގެ ސަރުކާރު ހިއްސާވާ ކޮލެޖު ނުވަތަ ޔުނިވާސިޓީތައް ރާއްޖޭގައި ހިންގޭ ގޮތަށް އުސޫލު ބަދަލުކުރުމާއި ގުޅިގެނެވެ.

ޝަރީފް ވިދާޅުވީ ރާއްޖޭގައި އެތައް ޒަމާންތަކެއް ވަންދެން މަތީ ތައުލީމް ފޯރުކޮށްދެމުން އަންނަ ތަންތަނަށް ޔުނިވަސިޓީ ހުއްދަނުދީ، ބޭރު މީހުން ހިންގާ ޔުނިވަސިޓީތައް ރާއްޖޭގައި ހިންގަން ހުއްދަ ދިނުމަކީ ކަންބޮޑުވުމެއްކަމަށެވެ. އަދި އެއީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ އުފައްދައި އެމްކިޔުއޭ އުފެއްދި މަގުސަދު ގެއްލޭކަމެއްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

"ރާއްޖޭގައި މަތީ ތައުލީމް ފޯރުކޮށްދެމުން އައި 30 އަހަރުވި ތަންތަނަށް ޔުނިވަސިޓީ ހުއްދަނުދީ ބޭރުގެ އެޖެންޓުން ސަރުކާރުތަކުގެ ބައިވެރިވުން ހިމެނޭކަމަށް ބުނެ އަންނަ ތަންތަނަށް ޔުނިވަސިޓީ ހިންގޭ ގޮތަށް،މިނިސްޓްރީ އުފައްދައި އެމްކިޔުއޭ އުފެއްދި މަގުސަދު ގެއްލިއްޖެ." ޝަރީފް ވިދާޅުވިއެވެ.

"ރާއްޖެއިން ބޭރުގެ ފަރާތްތަކުން ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތައް ރަޖިސްޓްރީކޮށް ހިންގުމުގެ ގަވައިދު" އަށް އިއްޔެ ގެނެސްފައިވާ ބަދަލާއި ގުޅިގެން ރާއްޖެއާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން، ބޭރު ގައުމެއްގެ ސަރުކާރު ހިއްސާވާ މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުގެ ކެމްޕަސްތައް ރާއްޖޭގައި ހިންގޭނެއެވެ.

އޭގެ އިތުރުން، ބޭރު ގައުމެއްގެ ސަރުކާރުން އެދިގެން ރާއްޖެއާއެކު ހަދާ އެއްބަސްވުމެއްގެ ދަށުން އެ ގައުމެއްގެ ސަރުކާރު ހިއްސާވާ، ރާއްޖެއިން ބޭރުގެ މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުގެ ކެމްޕަސްތަކަށް ވެސް ހުއްދަ ދެވޭ ގޮތަށް ވަނީ ހަދައިފައެވެ.



ކިޔުންތެރިންގެ ހިޔާލު