މޯލްޑިވްސް މީޑިއާ ކައުންސިލް، އެމްއެމްސީގެ ރައީސްކަމަށް ޕަބްލިކް ސާވިސް މީޑިއާގެ ޓެކްނިކަލް އޮޕަރޭޝަން މެނޭޖަރު އަހުމަދު މުޞްތަފާ އިންތިޚާބުކޮށްފިއެވެ.

މީޑިއާ ކައުންސިލްގެ ރައީސްގެ މަގާމަށް މުސްތަފާ އިންތިހާބުކޮށްފައި ވަނީ މީޑިއާ ކައުންސިލްގެ އައު ދައުރަށް މެމްބަރުން އިންތިހާބުކުރުމަށްފަހު މިއަދު ބޭއްވި ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައެވެ.

މީޑިއާ ކައުންސިލްގެ ރައީސްކަމަށް ޕީއެސްއެމް ނިއުސްގެ ފަރާތުން ވާދަކުރި މުސްތަފާ ވާދަކުރެއްވިއިރު އާފަތިސް އޮންލައިންގެ ފަރާތުން ޢަލީ ނިޝާން، ވެސް ވަނީ ވާދަކޮށްފައެވެ. ރައީސްކަމަށް މުޞްތަފާ އިންތިޚާބު ކޮށްފައިވަނީ 9 މެމްބަރުންގެ ވޯޓުންނެވެ. ނިޝާނަށް ލިބުނީ 6 ވޯޓެވެ.

ނައިބު ރައީސް ކަމަށް 3 ބޭފުޅަކު ވަނީ ވާދަކޮށްފައެވެ. ނައިބު ރައީސްކަމަށް ހޮވިފައިވަނީ ވަގުތު އޮންލައިންގެ ޙުސައިން ޝަރީފެވެ. އޭނާއަށް 7 ވޯޓު ލިބުނުއިރު، އޭނާއާއި ވާދަކުރި ވަން އޮންލައިންގެ މުޙައްމަދު ސިމާޢުއަށް ލިބުނީ 2 ވޯޓެވެ. އަޙްމަދު އަމީން މުޙައްމަދަށް ލިބުނީ 6 ވޯޓެވެ.

މީޑިއާ ކައުންސިލް އެކުލެވިގެންވަނީ މީޑިއާގެ އިދާރާތައް ތަމްސީލުކުރާ 8 މެންބަރުންނާއި، ޢާންމުންގެ ތެރެއިން އިންތިޚާބު ކުރެވޭ 7 މެންބަރުންނާއެކު ޖުމްލަ 15 މެންބަރުންގެ މައްޗަށެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ދައުރަކީ 2 އަހަރު ދުވަހުގެ ދައުރެކެވެ. މީޑިއާ ކައުންސިލްގެ މައިގަނޑު މަޤްސަދަކީ ޤާނޫނު ތަންދޭ އެންމެ ފުޅާދާއިރާއެއްގައި މީޑިއާގެ މިނިވަންކަން ކަށަވަރުކުރުމަށް މަސައްކަތްކުރުމެވެ. އަދި މީޑިއާގެ ހަމަތަކާއި އަޚްލާޤީ މިންގަނޑާއި އުސޫލުތަކުގައި ހިފަހައްޓާ ޒިންމާދާރު މީޑިއާއެއް ޤާއިމުކުރުމެވެ.



ކިޔުންތެރިންގެ ހިޔާލު