މަދު މުވައްޒަފުންނާއެކު މަސައްކަތްކުރަން ޖެހުމުން ދިމާވާ ގޮންޖެހުންތައް ހައްލުކުރުމުގެ ގޮތުންނާއި ކަރެކްޝަންސްގެ މަސައްކަތްތައް ރަނގަޅުކުރުމުގެ ގޮތުން 180 އޮފިސަރުންގެ ކޯޓާއެއް ސަރުކާރުން ދީފައިވާކަމަށާއި އޭގެ ތެރެއިން ގިނަ އަދަދެއްގެ އޮފިސަރުން ތަމްރީން ހޯދަމުންދާކަމަށް ހޯމް މިނިސްްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް، އެމްސީއެސްއިން ޕްރިޒަން-ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމްގެ ދެވަނަ ބެޗް މާފުށީ ޖަލުގައި ފެށުމުގެ ގޮތުން އިއްޔެ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެ ޖަލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް އިފްތިތާޙް ކޮށްދެއްވީ ޝަރަފްވެރި މެހެމާން ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲއެވެ.

މި ޕްރޮގްރާމަކީ މަސްތުގެ ވަބާގައި ޖެހިފައިވާ ޤައިދީން ރިހެބިލިޓޭޓްކޮށް، ބޭނުންތެރި ބައެއްގެ ގޮތުގައި މުޖުތަމަޢަށް އަނބުރާ ނެރުމަށް އެ ފަރާތްތައް ޑިޓޮކްސްކޮށް ޑްރަގް ޓްރީޓްމަންޓް ދިނުމާއި، ދިރިއުޅުމުގެ ހުނަރުތަކާއި ވަޒީފާ އަދާކުރުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމަށް ފަށާ ޕްރޮގްރާމެކެވެ. މިގޮތުން މި ޕްރޮގްރާމްގެ ދެވަނަ ބެޗްގައި މަސްތުވާތަކެއްޗާ ގުޅިގެން ޙުކުމް ތަންފީޒުކުރަމުންދާ 44 ޤައިދީން ހިމެނެއެވެ.

މި ޕްރޮގްރާމް އެކުލެވިގެންވަނީ 4 މަރުހަލާއަކަށެވެ. ފުރަތަމަ މަރުހަލާއަކީ 21 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޑީޓޮކްސިފިކޭޝަން މަރުޙަލާއެވެ. ދެވަނަ މަރުހަލާއަކީ ރީހެބިލިޓޭޝަން މަރުޙަލާއެވެ. މި މަރުޙަލާގައި ކަނޑައެޅޭ ވަކި ތާވަލެއްގެ ދަށުން ޕްރޮގްރާމުގެ ބައިވެރިންނަށް ސައިކޯ-ސޯޝަލް ސަޕޯޓް ފޯރުކޮށްދިނުމާއެކު ދިރިއުޅުމުގެ ހުނަރުތަކާއި ވޮކޭޝަންލް އަދި ސްކިލް ޓްރެއިނިންތައް ފޯރުކޮށްދިނުމާއި ދީނީ ކަންކަމަށް ހޭލުންތެރިކޮށް ހަރުދަނާ ބަޔަކަށް ހެދުމަށް ހިންގާ ޕްރޮގުރާމްތައް ހިމެނެއެވެ.

ތިން ވަނަ މަރުހަލާގައި ޕްރޮގްރާމުގެ ބައިވެރިން މުޖްތަމަޢަށް ނެރުމުގެ ކުރިން މުޖްތަމަޢަށް ނެރުމުގައި ހުރި ރިސްކްތައް ދެނެގަތުމަށްޓަކައި ރިސްކް އެސެސްމަންޓްތައް ހަދައި، މުޖުތަމަޢުން ލިބެންހުރި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ މަސައްކަތްތަކާއެކު ޕެރޯލްގެ ދަށުން މުޖުތަމަޢަށް ނެރުމަށް މަސައްކަތް ކުރެވިގެންދާނެއެވެ. އަދި ހަތަރު ވަނަ މަރުޙަލާއަކީ އަފްޓަރ ކެއަރ ސަރވިސް ނުވަތަ ޕްރޮގްރާމްގެ ތެރެއިން މުޖުތަމަޢަށް ނެރޭ ފަރާތްތައް މޮނިޓަރ ކުރާ މަރުހާލާއެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ބެޗް 40 ޤައިދީންނާއެލު 27 ފެބްރުވަރީ 2022 ގައި ފަށައި، 32 ޤައިދީންނާއެކު 23 އޮގަސްޓް 2022 ގައި ކާމިޔާބުކަމާއެކު ވަނީ ނިންމާލާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރަފްވެރި މެހެމާން މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވީ މިއަދަކީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައިވާ ފަރާތްތައް ޒިންމާދާރު ހެޔޮލަފާ ފަރާތްތަކެއްގެ ގޮތުގައި މުޖްތަމައަށް ނެރުމަށް ކުރެވޭ މަސައްކަތްތަކަށް އަނެއްކާވެސް އުސް ފިޔަވަޅެއް އެޅޭ ދުވަހެއް ކަމަށެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ބެޗަށް އަލިއަޅުއްވާލައްވަމުން، މިނިސްޓަރ ވަނީ އެ ބެޗުގައި ބައިވެރިވި ފަރާތްތައް ސެޕްޓެމްބަރ މަހު މުޖްތަމަޢުއަށް އަލުންނެރެފައިވާކަން ފާހަގަ ކުރަށްވާފައެވެ.

އަދި މިފަހަރުގެ ބެޗު ފެށީ އެ ޕްރޮގްރާމްގެ ތަޖުރިބާތަކަށް ބިނާކޮށް ޤައިދީން ތިބޭ ޔުނިޓަށާއި ޕްރޮގްރާމަށާއި އޮފިސަރުންގެ ޓްރޭނިންގއަށް ބަދަލުތައް ގެނަސްގެންކަން މިނިސްްޓަރ ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގައި ބައި ގަރުނު ވެފައިވާ މައްސަލައެއް ކަމުގައިވާ މަސްތުވާތަކެތީގެ މައްސަލައަކީ ވަރަށް ބޮޑެތި ޗެލެންޖްތައް ހުރި މައްސަލައެއް ކަމުގައި މިނިސްޓަރ އިމްރާން ވިދާޅުވި އެވެ. މިކަން ހައްލުކުރުމަށްޓަކައި ތަފާތު ވިސްނުންތަކާއި ސިޔާސަތުތަކަށް ބަދަލުގެނެސް މަސައްކަތްތައް ކުރުމާއެކުވެސް، އަދި ކުރެވޭ ކަންކަމުން ހެޔޮ ނަތީޖާ ނިކުންނަ އިރުވެސް މިކަމުގެ ޗެލެންޖްތައް އިންތިހާއަށް ބޮޑުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ކުރަން ހުރި މަސައްކަތްތަކުގެ ތެރެއިން އެންމެ މުހިއްމު އެއް މަސައްކަތަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތައް ރިހެބިލިޓޭޓްކުރުން ކަމަށާއި ޖަލުގައި ފުރަތަމަ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ފެށިގެންދިޔައީ ކޮމިޝަނަރ އޮފް ޕްރިޒަންސް އާއި ޓީމްގެ މިންނެތް މަސައްކަތުން ކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އަދި މަދު މުވައްޒަފުންނާއެކު މަސައްކަތްކުރަން ޖެހުމުން ދިމާވާ ގޮންޖެހުންތައް ހައްލުކުރުމުގެ ގޮތުންނާއި ކަރެކްޝަންސްގެ މަސައްކަތްތައް ރަނގަޅުކުރުމުގެ ގޮތުން 180 އޮފިސަރުންގެ ކޯޓާއެއް ސަރުކާރުން ދީފައިވާކަމަށާއި އޭގެ ތެރެއިން ގިނަ އަދަދެއްގެ އޮފިސަރުން ތަމްރީން ހޯދަމުން އަންނަކަން މިނިސްްޓަރ ފާހަގަކުރެއްވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅު ވިދާޅުވީ ޤައިދީން އިސްލާހުކޮށް ރަނގަޅު ފަރުދުންގެ ގޮތުގައި މުޖްތަމައަށް ނެރުމަކީ ކަރެކްޝަންސްގެ މައިގަނޑު މުހިއްމު އެއް މަސައްކަތްކަމަށާއި މިކަން ކުރުމަށްޓަކައި ގިނަ ވިސްނުންތައް ވިސްނާ، ހިސާބުތައް ހަދާ، ގިނަ މަސައްކަތްތަކެއް ކުރެވިއްޖެކަމަށެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން އެމްސީއެސްގެ އިދާރީ ހިންގުމަށް ބަދަލުތަކެއް ގެނެސް، މިމަސައްކަތަށް ފަންނީ މީހުންގެ އެހީތެރިކަން ބޭނުންވާކަމަށް ޤަބޫލުކުރެވޭތީ، ފަންނީ މުވައްޒަފުން އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. އެގޮތުން ވޭތުވެ ދިޔަ ދޮޅު އަހަރަށް ބަލާއިރު ކައުންސެލިންގ، ސޯޝަލް ވަރކް އަދި ސައިކޮލަޖީގެ ދާއިރާއިން ކިޔަވާފައި ތިބި ފަންނީ މުވައްޒަފުން އިތުރުކުރެވިފައިވާކަމަށް ވެސް ކޮމިޝަނަރ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު