ހދ. ނޮޅިވަރަމްގައި މި މަހުގެ 10 ވަނަ ދުވަހު އަނބިމީހާ މަރާލިކަމަށް ތުހުމަތު ކުރެވިފައިވާ އދ. ފެންފުށީ އަބޫބަކުރު ފައިސަލް، ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އަމިއްލައަށް މަރުވާން އުޅުނު މައްސަލާގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށް ރައްޔިތުންގެ މަޖީލީހަށް ހުށަހަޅައިފިއެވެ.

މި މައްސަލަ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީއަށް ހުށަހަޅުއްވާފައިވަނީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ.

މި މައްސަލަ ހުށަހަޅުއްވަމުން ޝަރީފް މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ފައިސަލް އަމިއްލައަށް މަރުވާން އުޅުމުން ސަލާމަތްކޮށް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުން ކަމަށެވެ.

އަދި ކުށުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ތިބޭ މީހުން ބެލެހެއްޓުމަކީ ފުލުހުންގެ ޒިންމާއެއް ކަމަށާއި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ފައިސަލް މިފަދަ ނުރައްކާތެރި އަމަލެއް ހިންގިއިރު ފުލުހުންނަށް އެކަން ނޭނގުމަކީ ވަރަށް ބޮޑު އިހުމާލެއްކަމުގައި ބެލުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ހާއްސަކޮށް އެކަމުން، އޭނާގެ ކުށުގެ ރެކޯޑާއި ތުހުމަތު ކުރެވޭ ކަންކަމަށް ބަލާއިރު، އެފަދަ ތުހުމަތު ކުރެވޭ މީހުންނާމެދު އަޅަންޖެހޭ ފިޔަވަޅުތައް ފުރިހަމައަށް އަޅާފައިނުވާކަން ހާމަވާކަމަށާއި، އަދި މިކަމަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ޒިންމާދާރު ކަމާމެދު ރައްޔިތުން ކުރަންޖެހޭ އިތުބާރު ކުޑަވެގެން ދާނެ ކަމެއް ކަމަށާއި މަރާލާފައިވާ މީހާއަށް އިންސާފު ލިބުމަށް ހުރަސް އެޅޭނެކަމެއްކަންވެސް ވަނީ ފާހަގަ ކުރައްވާފައެވެ.

އެހެންކަމުން ފައިސަލް ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގައި ހައްޔަރު ކޮށްފައި ވަނިކޮށް، ދަންޖެހިގެން އަމިއްލައަށް މަރުވާން އުޅުނު މައްސަލާގައި ފުލުހުންގެ އިހުމާލެއް ވޭތޯއާއި މިފަދަ ކަންކަން ކުރިމަގުގައި ދިމާނުވާނެ ގޮތްތަކެއް ހެދުމަށްޓަކައި ދިވެހި ފުލުހުން މަސައްކަތް ކުރައްވަމުންދާކަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީ މެދުވެރިކޮށް ބަލައިދިނުމަށް ވަނީ އެދިވަޑައިގެންފައެވެ.

އަމިއްލައަށް މަރުވާން ކުރި މަސައްކަތުގައި ފައިސަލްގެ ހާލުދެރަވެ މިހާރުވެސް އޮތީ ކުޅުދުއްފުށީ ހޮސްޕިޓަލްގައި ވެންޓިލޭޓަރުގައެވެ.



ކިޔުންތެރިންގެ ހިޔާލު