ކޮމިއުނިކޭޝަންސް އޮތޯރިޓީން ދޫކުރި ފުރަތަމަ ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗާ ލައިސަންސް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް މިއަދު ދޫކޮށްފިއެވެ.

ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗާ ލައިސަންސް ރަސްމީކޮށް އެޗްޑީސީއާ ހަވާލުކޮށްދެއްވީ މިއަދު އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)ގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަޙްމަދެވެ.

އެޗްޑީސީގެ ފަރާތުން ލައިސަންސާ ހަވާލުވެ ވަޑައިގެންނެވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު އާތިފެވެ.

އެޗްޑީސީން ބުނީ މި ލައިސަންސްގެ ދަށުން އެޗްޑީސީއަށް ހުޅުމާލޭގައި މުއާސަލާތީ އިންފްރާސްޓްރަކްޗާ ގާއިމުކޮށް، ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ބޭނުމަށް ވަސީލަތް ދޫކުރުމުގެ ހުއްދަ ލިބިގެންދާނެ ކަމަށެވެ.

އެޗްޑީސީގެ އޯޕަން އެކްސެސް ނެޓްވޯކަކީ، މުވާސަލާތީ ހިދުމަތްދޭ ކުންފުނިތަކުގެ ހިދުމަތް، އެއް ވިއުގައަކުން ގުޅާލާފައިވާ ފަސޭހަ ނިޒާމެކެވެ. އެގޮތުން އެއް ވިއުގައެއްގެ ތެރެއިން ދިރާގު، އުރީދޫ، މިޑިއާނެޓް އަދި އާރްއޯއެލްގެ ހިދުމަތް އަންނަނީ ދެމުންނެވެ.

އެޗްޑީސީއަށް ރަސްމީކޮށް ލައިސަންސް ދޫކޮށްފައި ވަނީ އޯޕަން އެކްސެސްގެ މި ވިއުގައަށް މުއާސަލާތީ ހިދުމަތްދޭ ފަރާތްތަކުގެ ފުރިހަމަ އިތުބާރު ލިބި، މި ވިއުގަ މެދުވެރިކޮށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ރައްޔިތުނަށް ފޯރުކޮށްދެވެމުން ދާތީކަން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއިން ފާހަގަކުރެއެވެ.

ރަސްމީ ސިފައެއްގައި މިއަދު މި ލައިސަންސް އެޗްޑީސީއަށް ދޫކުރިނަމަވެސް، މިއީ މުއާސަލާތީ ހިދުމަތްތައް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށް ބޭނުން ކުރެވޭގޮތަށް ދިވެހިރާއްޖޭގައި ގާއިމުކޮށްފައިވާ ފުރަތަމަ އޯޕަން އެކްސެސް ވިއުގަ ކަމުން، މި މަސައްކަތް ކުރިއަށް ގެންދިއުމުގެ ހުއްދަ އެ ކުންފުންޏަށް ވަނީ މީގެ ކުރިން ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު