ދެ މީހަކު ރުހިގެން އެކަކު އަނެކާއަށް ބަރަހަނާ ފޮޓޯ ފޮނުވުމަކީ މައްސަލައެއް ނޫންކަމަށް ދޭހަކޮށް އެޓަރނީ ޖެނެރަލްގެ އޮފީހުން ކުރި ޕޯސްޓަކާއި ގުޅިގެން ގިނަބަޔަކު އެކަން ކުށްވެރި ކޮށްފިއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ސޯޝަލް މީޑިއާގެ މަންސަތަކުގައި “ސެކްސްޓިންއަކީ ކޮބާ“ ގެ ނަމުގައި އާންމުކުރި ވީޑިއޯއެއްގައި ބުނީ ސެކްސްޓިންއަކީ ތިމާ ބަރަހަނާ ހާލުގައި ހުންނަ ފޮޓޯ ނުވަތަ ޖިންސީ ގުނަވަނުގެ ފޮޓޯއާއި ވީޑިއޯ ނުވަތަ ޖިންސީ ނިޔަތެއް ހާމަކޮށް ލިޔާ މެސެޖު, ފޯނުގެ ޒަރީއާއިން ނުވަތަ ސޯޝަލް މީޑިއާއިންމެސެޖުކުރާ އެކިކަހަލަ ޕްލެޓްފޯމްތައް މެދުވެރިކޮށް އެހެން މީހަކަށް ފޮނުވުން ކަމަށެވެ.

”އެކަކު އަނެކަކަށް ސެކްސްޓްކުރީ ދެފަރާތުގެ ރުހުމާ އެއްކޮށްނަމަ މީ މައްސަލައެއް ނޫން. ނަމަވެސް ސެކްސްޓްކުރީ އެ މެސެޖު ރައްދުވާ ފަރާތުގެ ރުހުން ނެތިނަމަ އެކުރީ ޖިންސީ ފުރައްސާރަ.“ އޭޖީ އޮފީހުން ބުނެފައިވެއެވެ.

އެ އޮފީހުން މިފަދައިން ބުނުމާއި ގުޅިގެން ރާއްޖޭގެ މަޝްހޫރު ބައެއް ދީނީ އިލްމުވެރިންވަނީ އެކަން ކުށްވެރިކޮށްފައެވެ. އެގޮތުން އެކަން ކުށްވެރިކުރި އެއްބޭފުޅަކީ ޝެއިޚް މުޙައްމަދު ލަތީފެވެ.

ލަތީފު މިއަދު ވިދާޅުވީ، ދެމީހަކު ރުހިގެން އޮރިޔާން ފޮޓޯ، ވީޑިޔޯފަދަ ތަކެތި އެކަކު އަނެކަކަށް ފޮނުވައި ހެދުން ކުށަކަށް ނުވާނޭކަމަށް އެޓަރނީ ޖެނެރަލް ގަބޫލުކުރުމަކީ އިންތިހާ ދަރަޖައިގެ ފާޖިރު އެހާމެ ނުބައިކަމެއް ކަމަށެވެ.

"ދެމީހަކު ރުހިގެން އޮރިޔާން ފޮޓޯ، ވީޑިޔޯފަދަ ތަކެތި އެކަކު އަނެކަކަށް ފޮނުވައި ހެދުން ކުށަކަށް ނުވާނޭކަމަށް އެޓަރނީ ޖެނެރަލް ގަބޫލުކުރުމަކީ އިންތިހާ ދަރަޖައިގެ ފާޖިރު އެހާމެ ނުބައިކަމެއް. ޔާ ﷲ! މިފަދަ ނުބައި ފާޖިރު، ފާސިޤު މީހުންގެ ކިބައިން މިލޮބުވެތި ވަޠަން ސަލާމަތްކުރައްވާނދޭވެ!" ލަތީފް ވިދާޅުވިއެވެ.

ޝެއިޚް ލަތީފްގެ އިތުރުންވެސް އެހެން ބައެއް ޝެއިޚުންވަނީ މިކަން ކުށްވެރި ކޮށްފައެވެ. އޭގެ ތެރޭގައި ޝެއިޚް ޢަބްދުﷲ ސައުދާން ވެސް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު