ސްޕެޝަލައިޒްވާން ބޭނުންވާ ނަރުހުންނަށް ސްކޮލާޝިޕްގެ ފުރުސަތުތަކެއް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.

އެ މިނިސްޓްރީން މިއަދު ބުނީ މިއީ ދިވެހި ނަރުހުން މާސްޓާސް ޑިގްރީ ލެވެލްއަށް ރާއްޖެއިން ބޭރުގައި ތަމްރީނުވެ ސްޕެޝަލައިޒްވުމަށް ހުޅުވާލާ ސްކޮލާޝިޕްތަކެއް ކަމަށާއި މި ބުރުގައި 15 ފަރާތަކަށް އެ ފުރުސަތު ދޭން ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން ސްކޮލަރޝިޕަށް ޖާގަހޯދުމުގައި މޯލްޑިވްސް ނާރސިން ކައުންސިލުން އަދި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ގަބޫލުކުރާ ކިޔަވައިދޭ މަރުކަޒެއްކަމާއި އަދި ކޯހެއްކަން ކަށަވަރުކުރަންވާނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.

އަދި އިހްތިޔާރުކުރާ ކޯހަކީ، އިންގްލިޝް މީޑިއަމުން ކިޔަވައިދޭ، ފުލްޓައިމް ކޯހެއް ކަމުގައި ވާންވާނެ ކަމަށާއި ކޯހުގެ މުއްދަތުގައި މަރުކަޒަށް ހާޒިރުވެގެން ފުރިހަމަކުރަންޖެހޭ ކޯހަކަށް ވާންޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ. މީގެ އިތުރުން ކޯހުގައި ސްޕާވައިޒްޑް ޕްރެކްޓިކަލް ބައެއް ހިމެނިފައި އެއީ ކިޔަވައިދޭ މަރުކަޒުން އިންތިޒާމްކޮށް ހަމަޖައްސައި ދޭނޭ ކޯހަކަށްވެސް ވާންވާނެ ކަމަށާއި ސްކޮލާޝިޕްގައި ކިޔެވުމަށް ޖާގަ ހޯދުމަށް ހަ މަސްދުވަސް ލިބޭނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ސްކޮލާޝިޕްގައި ސާކްގެ ގައުމެއްގައި ނުވަތަ މެލޭޝިޔާ ނޫންނަމަ ފިލިޕީންސްގެ ކިޔަވައިދޭ މަރުކަޒެއްގައި ކިޔެވޭނެ ކަމަށާއި ކޯހުގައި ކިޔެވުމަށް ޖާގަހޯދުމަށް ހަމަޖެހިފައިވަނީ ސްކޮލާޝިޕް ލިބޭފަރާތްތަކުން ކަމަށް މިނިސްޓްރީން ބުނެއެވެ.

ކިޔެވުމުގެ ހުރިހާ ހަރަދެއް ސަރުކާރުން ދޭގޮތަށް ހަމަޖެހިފައިވާ މި ސްކޮލާޝިޕް ކަނޑައެޅިފައިވަނީ ރާއްޖޭގެ 8 ހޮސްޕިޓަލަކަށެވެ. އެއީ އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ޑރ.ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް، ލ.ގަން ރީޖަނަލް ހޮސްޕިޓަލް، ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް އަދި މ. މުލީ ރީޖަނަލް ހޮސްޕިޓަލެވެ.

ސްޕެޝަލައިޒްވެވޭ ދާއިރާތަކުގެ ގޮތުގައި ހަމަޖައްސާފައިވަނީ، މެޓާރނަލް ޗައިލްޑް ހެލްތް، ނިއޯނޭޓަލް އިންޓެންސިވް ކެއަރ، ޕެލިއޭޓިވް އޮންކޮލޮޖީ، ނިއޯނޭޓަލް، ތިއޭޓާ، ކޮލިޓީ އެޝޫރަންސް، އޯތޯޕީޑިކް، މެންޓަލް ހެލްތު، ޔޫރޮލޮޖީ އެންޑް ނެފްރޮލޮޖީ، އިންފެކްޝަން ކޮންޓްރޯލް، ކާރޑިއޮލޮޖީ، މިޑްވައިފްރީ، ރީޕްރޮޑަކްޓިވް ހެލްތު، ޓްރޯމާ އެންޑް އިމާޖެންސީ ކެއާ، އެނެސްތީސިއާ، މެޓާނަލް އެންޑް ޗައިލްޑް ހެލްތު، އިމާޖެންސީ ކެއާ، ކްރިޓިކަލް ކެއާ، ކާޑިއެކް ކެއާ، ތިއޭޓާ، މިޑްވައިފްރީ އެންޑް އޮބެސްޓެޓްރިކަލް، ޑަޔަލިސިސް، އޮންކޮލޮޖީ، އިންފެކްޝަން ކޮންޓްރޯލް، ޑަޔަލިސިސް، ސައިކެއާޓްރިކް އަދި ނާރސިން މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަނެވެ.

މި ސްކޮލަރޝިޕްތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރު 13:00 ކުރިން ހުށަހަޅަންޖެހެއެވެ.



ކިޔުންތެރިންގެ ހިޔާލު