ވިޔަފާރިވެރިން ރައްޔިތުންނަށް އޮޅުވާލަން ކުރާ މަސައްކަތް ހުއްޓާލަންޖެހޭ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިހެން ވިދާޅުވީ ދޮރުޖަހަން ބޭނުންކުރާ އެލްމެނިޔަމް ފަތިން ޑިއުޓީ ނެގުން ހުއްޓާލައިފައިވަނިކޮށް އެބާވަތުން 10 ޕަސެންޓް ޑިއުޓީ ނަގަމުންދާ މައްސަލައެއް ފެންމަތިވުމާއި ގުޅިގެން އެކަމަށް އިޝާރަތް ކުރަށްވަމުންނެެވެ. ގެދޮރު އިމާރާތްކުރުމަށް ބޭނުންވާ ތަކެތިން ޑިއުޓީ ނުނެގުމަށް 2020 ވަނަ އަހަރު ސަރުކާރުން ވަނީ ނިންމާފައެެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ވިޔަފާރިވެރިން ރައްޔިތުންނަށް އޮޅުވާލަން ކުރާ މަސައްކަތް ހުއްޓާލަންޖެހޭ ކަމަށެވެ. އަދި ޖީއެސްޓީ ބޮޑުކުރަނީ ވެސް އަންނަ އަހަރުން ފެށިގެން ކަމަށާއި އެހެން ނަމަވެސް ތަކެތީގެ އަގުބޮޑުކުރުމަށްފަހު އަގުބޮޑުވަނީ ޖީއެސްޓީ ބޮޑުވެގެން ކަމަށް ބައެއް ވިޔަފާރިވެރިން ބުނަމުންދާ ކަމަށް ރޮޒައިނާ ވިދާޅުވިއެެވެ.



ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާބެހޭ ކޮމެޓީގެ މުގައްރިރު ރޮޒައިނާ އާދަމް ވިދާޅުވީ ތެލުގެ އަގު ބޮޑުވުމުން ތަކެތީގެ އަގު އުފުލޭނެ ކަމަށް ގަބޫލުކުރަށްވާ ކަމަށެވެ. އެހެން ނަމަވެސް ތެލުގެ އަގުބޮޑުވި ވަރާއަޅާބަލާއިރު އެއަށްވުރެ ދެގުނަ ގިނަ ތަންތަނުން އަގުތައް ބޮޑުކުރާ ކަމަށާއި އެވަރު ކޮށްލަން ނުވާނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

"މީދެން ބޮޑުވަރު، ތެޔޮ އަގުބޮޑުވެގެން އަގު ބޮޑުކުރާ އެއްޗެއް ވެސް ތެޔޮ އަގު ހެއުވިއަސް ދެން އަގެއް ހެވެއް ނުކުރޭ،" އެމްޑީޕީގެ އަންހެނުން ގޮފީގެ ރައީސާ ރޮޒައިނާ އާދަމް ވިދާޅުވިއެވެ.

އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މުދަލާ ޚިދުމަތުގެ އަގުން ނަގާ ޓެކްސް 6 ޕަސެންޓުން 8 ޕަސެންޓަށް ވަނީ ބޮޑުކޮށްފައެވެ. ސަރުކާރުގެ އެ ނިންމުމާއެކު ބާޒާރުގައި ބައެއް ތަކެތީގެ އަގުތައް ވަނީ އުފުލެން ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު