ގއ. މާމެންދޫއަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްޓަކައި އެ ރަށު ކައުންސިލުގެ މިއަދުގެ ބައްދަލުވުން އެ ރަށު ގޮނޑުދޮށުގައި ބާއްވައިފިއެވެ.

ގއ. މާމެންދޫ ކައުންސިލްގެ ބައްދަލުވުން ރާޅު ޖަހާ ހިސާބު، ގޮނޑުދޮށުގައި ބާއްވާފައިވާއިރު މިއީ ކައުންސިލް ބައްދަލުވުމެއް މިފަދަ ގޮތަކަށް ބޭއްވި ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ.

ގޮނޑުދޮށުގައި ބޭއްވި ކައުންސިލް ބައްދަލުވުމުގައި ހުރިހާ ކައުންސިލަރުން ބައިވެރިވެވަޑައިގެންނެވިއިރު، އެ ބައްދަލުވުމުގެ އެޖެންޑާގައިވެސް އޮތީ ރަށް ގިރުމުގެ މައްސަލައެވެ. އަދި އެކަމާއި ގުޅިގެން ކައުންސިލަރުންގެ ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުން ބައްދަލުވުމުގައި ވަނީ ވާހަކަދައްކާފައެވެ.

ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށްގިރަމުންދާ ގޮތަޒް ބަލާއިރު ބައެއް ސަރަހައްދުތަކުން މީހުން ހުސްކުރަން ޖެހުން ފަދަ ހާލަތަކަށް ދިއުން ހިމެނެއެވެ.

މާމެންދޫ ކައުންސިލުން ބުނިގޮތުގައި މިއަދުގެ ޖަލްސާ މޫދުގައި ނުވަތަ ގޮނޑުދޮށުގައި ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ މި މަހުގެ 23 އަދި 24 ވަނަ ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސާލިހް އެ ރަށަށް ވަޑައިގަންނަވާ ގޮތަށް އޮތުމުން، އޭގެ ކުރިން އެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުން ކަމަށެވެ.

ރާއްޖޭގައި ހުރި ތިމާވެށީގެ މައްސަލަތައް ސަރުކާރާއި ބައިނަލްއަގުވާމީ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް މޫދާއި ގޮނޑުދޮށުގައި ތަފާތު ހަރަކާތްތައް އަބަދުވެސް ހިންގައެވެ. މިގޮތުން ރައީސް ނަޝީދުގެ ވެރިކަމުގައި ވަނީ ކަނޑު އަޑީގައި ފުރަތަމަ ފަހަރަށް ކެބިނެޓް ބައްދަލުވުމެއް ވެސް ބާއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު