ރުގްޔާ ކުރަން ހދ. ނޮޅިވަރަންފަރުގެ ސަހަރާގައި ގަބުރު ކޮންނަން ރޭ ބަޔަކު ތިބީ ފުލުހުންގެ ބައިވެރިވުމާއެކުކަމަށް ބުނެ ނޮޅިވަރަންފަރު ކައުންސިލުން ފުލުހުންނަށް ބޮޑު ތުހުމަތެއްކޮށްފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަހުމަދު ނަދީމް ވިދާޅުވީ، ފުލުހުންނާއި އާންމުންގެ ބަޔަކު ގުޅިގެން ރޭގެ 11:30 ހާއިރު ސަހަރާ ކޮންނަން ތިބި ކަމުގެ މައުލޫމާތު އެ ކައުންސިލަށް ލިބިގެން ގޮސް ބެލިބެލުމުން ސަހަރާގެ ދެ ގަބުރެއްގެ މަތި ވަނީ ކޮނެފައިކަމަށެވެ. އަދި ކައުންސިލަރުން އެތަނަށް ދިޔައިރު، ނޮޅިވަރަންފަރުގެ ޕޮލިސް ސްޓޭޝަނުގެ ވެރިޔާއާއި އިތުރު ދެ ފުލުހަކު ވެސް އެ ތަނުގައި ތިބި ކަމަށް ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ކައުންސިލް ރައީސް ވިދާޅުވީ ސަހަރާ ކޮންނާތީ ސުވާލުކުރުމުން އެއީ ފޮރެންސިކް ބޭނުމަކަށް ކުރާ ކަމެއްކަމަށް ފުލުހުން ބުނިކަމަށެވެ. ނަމަވެސް ކައުންސިލުން ތުހުމަތުކުރަނީ އެތަނުގައި ބަޔަކު ރުގްޔާ ކުރަންތިބި ކަމަށާއި، އެކަން ކުރަން ތިބީ ފުލުހުންގެ ހިމާޔަތުގައިކަމަށެވެ.

ނޮޅިވަރަންފަރު ކައުންސިލުން ބުނީ މީގެކުރިންވެސް ސަހަރާ ކޮނުމުގެ ހުއްދައަށް އާންމުންގެ ބަޔަކު އެދުނުކަމަށެވެ. ނަމަވެސް އިސްލާމިކް މިނިސްޓްރީގެ ހުއްދަ ނެތި އެ ކަހަލަ ކަމެއް ނުކުރެވޭނެކަން އަންގައި، އެ ކަން ކުރުން މަނާކޮށްފައިވާކަމަށް ކައުންސިލުން ބުނެއެވެ.

އެ މައްސަލާގައި މީޑިއާއިން ސުވާލު ކުރުމުން ރޭ ފުލުހުން ބުނީ އެ އިދާރާ އަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ރޭގެ ވަގުތެއްގައި ނޮޅިވަރަންފަރުގެ ސަހަރާ ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި އެ ތަން ބަލައި ފާސްކުރީ ކައުންސިލުގެ އެހީތެރިކަމާއެކު ކަމަށްވެސް ފުލުހުން ބުންޏެވެ.

ނަމަވެސް ނޮޅިވަރަންފަރު ކައުންސިލުން ފުލުހުންގެ މައްޗަށް ކުރާ ތުހުމަތުތަކަށް ފުލުހުން އެއްޗެއް ނުބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު