އަނބިމީހާ މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި އަބޫބަކުރު ފައިސަލް ދަންޖެހިފައި ހުއްޓާ ފެނިގެން ސަލާމަތްކޮށް އައިސީޔޫގައި ފަރުވާދެމުން އަންނައިރު އޭނާގެ ހާލު ކްރިޓިކަލް ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

އަނބިމީހާ މަރާލި ކަމަށް ތުހުމަތުކުރެވޭ އަބޫބަކުރު ފައިސަލް ބަންދުކޮށްފައި ހުރި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ގޮޅީގައި ރޭ 11:15 ހާއިރު ދަންޖެހި އަމިއްލައަށް މަރުވާން މަސައްކަތްކުރަނިކޮށް ފުލުހުންނަށް ވަނީ ފެނިފައެވެ. ފުލުހުން ވަގުތުން ވަނީ ފައިސަލް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ ފައިސަލަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށާއި އޭނާގެ ހާލު ކްރިޓިކަލް ކަމަށެވެ. އަދި މިވަގުތު ފައިސަލް އޮތީ ވެންޓިލޭޓަރުގައި ކަމަށް ވެސް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން، އެޗްއާރްސީއެމް އަދި އެންއައިސީއަށް ހުށަހަޅައިގެން ބަލަމުންދާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ނިޝާމާ މަރާލި ކަމުގެ ތުހުމަތު ކުރެވޭ ފައިސަލް ހައްޔަރުކޮށްފައިވަނީ ނޮޅިވަރަމުން ފުރައިގެން އެ އަތޮޅު ކުޅުދުއްފުއްޓަށް ގޮސް ކުޅުދުއްފުށީ ފުލުހުންނާ އަމިއްލައަށް ހަވާލުވުމުންނެެވެ. ނިޝާމާގެ މަރުގެ މައްސަލަައިގައި ޝައްކު އުފެދޭ ކަންތައްތަކެއް ހުރުމުން ފައިސަލްގެ މައްޗަށް ތުހުމަތުކުރެވި އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓްއަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ. ފައިސަލްގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓަން ކޯޓުން ވަނީ ހުއްދަ ދީފައެވެ.

މިދިޔަ ހޮނިހިރު ދުވަހު ނިޝާމާ، އޭނާ ދިރިއުޅޭ ގޭގެ ކޮޓަރީގައި މަރުވެފައި އޮއްވައި ފެނިގެން، އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔަކަމަށާއި މަރުކަޒަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. ނިޝާމާ މަރުވި ސަބަބު ހޯދަން ޕޯސްޓްމޯޓަމް ހަދަން ނިންމައި އޭނާގެ ހަށިގަނޑު މިހާރު ވަނީ މާލެ ގެނެސްފައެވެ.

ނިޝާމާއާއި ފަައިސަލް ކައިވެނިކޮށްގެން އެ ކައިވެންޏަށް ތިން ކުދިން ވަނީ ލިބިފައެވެ.



ކިޔުންތެރިންގެ ހިޔާލު