ވެހިކަލް ރަޖިސްޓްރީ ނަންބަރު މާދަމާ އިން ފެށިގެންް އާންމު ކުރަން ނިންމައިފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިރޭ ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ މިނިސްޓްރީން ރަޖިސްޓްރީ ކުރާ އެންމެހާ އެއްގަމު އުޅަނދުތަކުގެ ރަޖިސްޓްރީ ނަންބަރު އާންމުނާނަށް ފެންނަން ހުންނާނެހެން ހަދަން ނިންމާފައިވާ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެގޮތަށް ނިންމާފައިވަނީ އެ މިނިސްޓްރީން ރަޖިސްޓްރީ ކުރަމުންދާ އެންމެހާ އުޅަނދުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ ގޮތުންނާއި، ކޮރަޕްޝަނަށް މަގުފަހިނުވާނޭހެން ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި މަސައްކަތްކުރުމަށާއި، އަދި އެއްވެސް ފަރާތަކަށް ގަވާއިދާ ހިލާފު އަމަލުތައް ހިންގުނަ ނުދިނުމުގެ ގޮތުން ކަމަށެވެ. އެހެންކަމުން މާދަމާއިން ފެށިގެން މިނިސްޓްރީގެ ވެބްސައިޓްގައި ވެހިކަލް ރެޖިސްޓްރީ ނަންބަރު އާންމުކުރުމަށް ނިންމާފައިވާ ކަމަށް އެ މިނިސްޓްރީން ނެރުނު އިއުލާންގަައި ބުނެފައިވެއެވެ.

ވެހިކަލް ރަޖިސްޓްރީ ނަންބަރު މާދަމާ އިން ފެށިގެންް އާންމު ކުރަން ނިންމާފައިމިވަނީ މާލޭގައި ގަރާޖުތަކަށް ވެހިކަލް ރަޖިސްޓްރީކުރުމުގައި އެއް ގަރާޖަކަށް 70 އެއްހާ ކާރު ރަޖިސްޓްރީކޮށްފައި ވާކަމުގެ ތުހުމަތުތަކެއް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ކޮށްފައިވާ ދަނޑިވަޅެއްގައެެވެ.

އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ މައްޗަށް ގަވާއިދާ ހިލާފަށް އުޅަނދުތައް ރަޖިސްޓްރީކޮށްދީ އޭގެން މާލީ ތަނަވަސްކަން ހޯދަން އުޅުނުކަމުގެ ތުހުމަތުކޮށް އެ މައްސަލަވެސް އޭސީސީން މިހާރު ދަނީ ބަލަމުންނެެވެ. ނަމަވެސް އެތުހުމަތުތައް މިނިސްޓަރު ނަހުލާ ވަނީ ދޮގުކުރަށްވާފައެެވެ. ނަހުލާ ވިދާޅުވީ އެއީ އެކަމަނާގެ އަގު ވައްޓާލުމަށް ބަޔަކު ދައްކަމުން ގެންދާ ވާހަކަތަކެއް ކަމަށެވެ. އަދި އެމައްސަލަ ވީހާ ވެސް އަވަހަކަށް ތަހުގީގުކުރުމަށް ނަހުލާ ވަނީ އެދިވަޑަައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު