ގަތަރުގައި މިހާރު ކުރިއަށްދާ ދުނިޔޭގެ އެންމެބޮޑު ފުޓްބޯޅަ މުބާރާތް، ފީފާވޯލްޑްކަޕްގެ މެޗެއް ބައްލަވާލެއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، މުބާރާތް ބާއްވާ ގަތަރަށް ފުރާވަޑައިގެންފިއެވެ.

ވޯލްޑްކަޕްގެ މެޗެއް ބައްލަވާލެއްވުމަށް ރައީސް ގަތަރަށް ވަޑައިގެންނެވުމަށް ގަތަރުގެ އަމީރު ޝެއިހް ތަމީމް އަލް ސާނީ އޮތީ ދައުވަތު ދެއްވާފައެވެ. އެ ދައުވަތު ގަބޫލުފުޅު ކުރައްވާ މެޗެއް ބައްލަވާލެއްވުމަށް ރައީސް ވަޑައިގަންނަވާނެކަން ރައީސް އޮފީހުން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.

ރާއްޖޭގެ މާލީ ހާލަތު ދަށްވެފައިވާ މި ދަނޑިވަޅުގައި ރައީސް އެފަދަ ދަތުރުފުޅެއްގައި ވަޑައިގަންނަވާތީ ގިނަބަޔަކު ފާޑުކިޔަމުން ދަނިކޮށް ރައީސް އޮފީހުން ބުނެފައިވަނީ، ރައީސް ގަތަރަށް ވަޑައިގަތުމަށް ޓިކެޓު ނަންގަވާނީ އެމަނިކުފާނުގެ އަމިއްލަފުޅު ޖީބުން ކަމަށާއި، ދަތުރުފުޅުގައި ހުރުމާއި ފަރިއްކޮޅު ހަމަޖައްސަނީ، ގަތަރު ސަރުކާރުން ކަމަށެވެ.

ރައީސް ޞާލިޙް ގަތަރަށް މިރޭ ފުރާވަޑައިގެންނެވިއިރު މުބާރާތުގައި މިހާރު ދެން އޮތީ ސެމީ ފައިނަލްގެ މެޗުތަކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު