ވާވޭ ލަންކާ ޕްރައިވެޓް ލިމިޓެޑާއި ގުޅިގެން ހުޅުމާލެ ސްމާޓް ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިއަދު އެޗްޑީސީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެޗްޑީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ އަހްމަދު އާތިފްއެވެ.

އެޗްޑީސީން މައުލޫމާތު ދިން ގޮތުގައި ވާވޭ ލަންކާ ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކުރެވުނު އެއްބަސްވުމާއިއެކު އެ ކޯޕަރޭޝަނުން ހުޅުމާލެ ސްމާރޓް ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކުރެވެމުން އަންނަ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ. އަދި މި އެއްބަސްވުމުގެ ދަށުން ހުޅުމާލެ ސްމާރޓް ސިޓީއަކަށް ހެދުމަށް ބޭނުންވާ ކަމާބެހޭ ފަންނީ މާހިރުން ވާވޭ ކުންފުނިން ފޯރުކޮށްދޭން ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ވާވޭގެ ސީއީއޯ ޓާއޯ ގުންގްޔާއޯ ވިދާޅުވީ، އެޗްޑީސީއާއި އެކު މި ވެވުނު އެއްބަސްވުމުގެ ދަށުން ސްމާޓް ކޮމްގެ އަލީގައި ރާއްޖެއަށް މުއާސަލާތީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ގެނެވި ގައުމުގެ އިގުތިސާދަށްވެސް އޭގެ ފައިދާ ލިބިގެން ދާނެކަމަށެވެ.

ވާވޭއަކީ ޓެކްނޮލިޖީގެ އެކި އުފެއްދުންތައް މާކެޓަށް ނެރެމުން އަންނަ ދިވެހީންގެ މެދުގައިވެސް މަގުބޫލު ކުންފުންޏެކެވެ.



ކިޔުންތެރިންގެ ހިޔާލު