މަސްވެރިންނަށް ދިމާވެފައިވާ މަސްކިރުމުގެ ދަތިކަމަށް ވަގުތީ ޙައްލުތަކެއް ހޯދަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ މަސްވެރީންގެ ދުވަހުގެ މުނާސަބަތުގައި، ގދ ފަރެސް މާތޮޑާގައި ރޭ ބޭއްވި ރަސްމީ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވީ މަސްވެރިންނަށް ދިމާވެފައިވާ މަސްކިރުމުގެ ދަތިކަމަށް ވަގުތީ ޙައްލުތަކެއް ހޯދަން ޖެހޭ ކަމަށާއި، އެގޮތުން މަސްގަންނަ ހަތަރު ބޯޓެއް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަަމަށެވެ. އެމަނިކުފާނު ވިދާޅުވީ މަސްވެރިންނަށް ދިމާވެފައިވާ މަސްކިރުވުމުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން އަންނަ އަހަރު ރާއްޖެ ގެނެވޭ ހަތަރު ބޯޓުގެ ތެރެއިން 270 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީ އާއި 120 ޓަނުގެ ބްރައިން ފްރީޒިން ކެޕޭސިޓީގެ ބޯޓު ހުވަދު އަތޮޅު ފަރުބިތުގައި ބޭއްވުމަށް ހަމަޖައްސަވާފައިވާ ކަމަށެވެ.

"މި ބޯޓުތައް، މި އަންނަ އަހަރުގެ ކުރީކޮޅުގައި ގެނެވި، މި ބޯޓުތައް ބޭނުންކުރެވޭވަރު ކުރުމަށް މިދަނީ މަސައްކަތްކުރަމުން، އެ ހަތަރު ބޯޓުގެ ތެރެއިން، 270 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީ އާއި، 120 ޓަނުގެ ބްރައިން ފްރީޒިން ކެޕޭސިޓީގެ ބޯޓު، އަންނަ އަހަރުގެ ކުރީކޮޅުގައި، އިރާދަކުރެއްވިއްޔާ މި ސަރަޙައްދުގައި ފަރުބިތުގައި ބޭއްވުމަށް އަޅުގަނޑުމެން މި އަންނަނީ މަސައްކަތް ކުރަމުން. މިއީ މި ސަރަޙައްދުގެ މަސްވެރިންނަށް ލިބިގެންދާނެ ވަގުތީ ޙައްލެއް،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މަސްވެރިންނަށް ތެޔޮ ލިބުމުގެ ދަތިކަން ހައްލު ކުރުމަށް، އެސްޓީއޯ މެދުވެރިކޮށް ފިއުލް ސަޕްލައިއިން، މަސްވެރިންނަށް ހެޔޮ އަގުގައި އަދި ކްރެޑިޓަށްވެސް ތެޔޮލިބޭނެ މަގު ދާދިއަވަހަށް ހަމަޖައްސައިދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ރައީސް ވަނީ މަސްވެރިކަމުގެ ޞިނާޢަތު ކުރިއެރުވުމަށް، ކޫއްޑޫގެ ކެޕޭސިޓީ ބޮޑު ކުރުމާއި ތިނަދޫގައި ޤާއިމް ކުރާ ފްރީޒިން ކެޕޭސިޓީއާއި ކޯލްޑް ސްޓޯރޭޖް ޤާއިމް ކުރުމުގެ މަސައްކަތާއި ގުޅޭ މައުލޫމާތުވެސް ހާމަކުރައްވާފައެވެ. މީގެ އިތުރުން ފެލިވަރުގެ ކެޕޭސިޓީ މަތިކުރުމާއި، ތ. ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތްވެސް ކުރިޔަށްދާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި ފުވައްމުލަކުން އެދިފައި އޮތް ގޮތަށް، އެ ރަށުގައި ހުރި މަސް ގަންނަ ފެސިލިޓީޒް އިން މަސް ގަނެވޭނެގޮތް ހެދުމަށް އެސް.ޓީ.އޯ.އިން ލަސްތަކެއްނުވެ އެ ކަމުގެ ޢަމަލީ މަސައްކަތް ފަށައިގަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިޖަލްސާގައި އެންމެ ޒުވާން ކެޔޮޅަށާއި، އެންމެގިނައިން މަސްކިރުވި ތިން ދޯންޏަށާއި، އެންމެ ގިނައިން މަސްގަތް ކުންފުނިތަކަށާއި، މަސްވެރިކަމުގެ ދާއިރާއަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި ފަރާތްތަކަށާއި، ކޭމްބްރިޖް އޯލެވެލް އިމްތިހާނުގައި މެރިންސައިންސް މާއްދާއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށާއި، ސްކޫލުތަކަށް ހަނދާނީ ލިޔުމާއި އިނާމް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހެވެ. މިޖަލްސާގައި ވަނީ، މަސްވެރިކަމުގެ ދާއިރާއަށް ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކޮށްދެއްވި ފަރާތްތަކުގެ ތެރެއިން، ކުރީގެ ފިޝަރީޒް މިނިސްޓަރ ، ހ. މީނާޒް، އަލްމަރްޙޫމާ ޑރ ފާޠިން ޙަމީދަށް ޚާއްޞަ ހަނދާނީ ފިލައެއް އަރުވާފައެވެ.



ކިޔުންތެރިންގެ ހިޔާލު