މި ހިނގާ އަހަރަކީ މަސްވެރިންގެ އަތުން ގަތް މަހަށް އެންމެ ގިނަ ފައިސާ ދޭނެ އަހަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިފަދައިން ވިދާޅުވީ، މަސްވެރިންގެ ދުވަހާއި ގުޅުވައިގެން މިރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ރައީސް ވިދާޅުވީ، މި އަހަރަކީ ވެސް ދިވެހި މަސްވެރިކަމުގެ ތާރީހުގައި ވަރަށް ފާހަގަކޮށްލެވޭ އަހަރަކަށް ވެގެންދާނެކަމަށެވެ. އެގޮތުން މި އަހަރު ނިމިގެން މިދަނީ 2006 ވަނަ އަހަރުގެ ފަހުން، ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން އެންމެ ގިނައިން މަސް ގަތް އަހަރުގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މިދިޔަ ހަފްތާގެ ނިޔަލަށް ފަންސާސް ނުވަހާސް މެޓްރިކްޓަނުގެ މަސް މިފްކޯއަށް ގަނެފައިވާ ކަމަށެވެ. އަދި މި އަހަރަކީ ދިވެހި މަސްވެރިންގެ އަތުން ގަތް މަހަށް ސަރުކާރުގެ މަސް ކުންފުނިން އެންމެ ގިނަ އަދަދެއްގެ ފައިސާ ދޭނެ އަހަރު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް 965 މިލިއަން ރުފިޔާ މިފްކޯއަށް ގަތް މަހަށް މަސްވެރިންނަށް ދެވިއްޖެ. މިއަހަރު ނިމޭއިރު އެއަދަދު އެއް ބިލިއަން ފަހަނައަޅާ ދާނެ." ރައީސް ޞާލިޙް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް މި ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ މައުލޫމާތު ރައީސްގެ ވާހަކަފުޅުގައިވަނީ ހާމަ ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު