ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ގދ. ފަރެސްމާތޮޑާ ކައުންސިލާއި އަދި އ.ތ.މ ކޮމިޓީއާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީގެ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު، ގދ. ފަރެސްމާތޮޑާ ކައުންސިލް އިދާރާގައެވެ.

މިބައްދަލު ކުރެއްވުމުގައި، ފަރެސްމާތޮޑާ ކައުންސިލުން ވަނީ މިސަރުކާރުން ފަރެސްމާތޮޑާގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ހިންގަމުންދާކަން ފާހަގަކުރައްވާފައެވެ. މިބައްދަލުވުމުގައި ކައުންސިލުން ބުނީ، އެކައުންސިލުން އެންމެ އިސްކަންދޭ 7 ކަމެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށައަޅާފައިވާ ކަމަށެވެ. އޭގެ އިތުރުން ކައުންސިލް އިދާރައިގެ ޖާގައިގެ ދަތިކަމާއި، ކޮންފަރެންސް ހޯލެއް ނެތުމުގެ ދަތިކަން ކައުންސިލުން ފާހަގަކޮށްފައިވެއެވެ. އަދި ކައުންސިލުން ވަނީ، ފަރެސްމާތޮޑާގެ ބަނދަރުން އެއާޕޯޓަށް ދަތުރުކުރަން އޮންނަ މަގުހެދުމާއި، ކުނި މެނޭޖުކުރުމުގައި ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމާއި، ރަށުގައި ބޭންކިންގެ ޚިދުމަތް ޤާއިމްކުރަން ބޭނުންވާކަމަށް ރައީސަށް ދަންނަވާފައެވެ.

މީގެ އިތުރުން މިބައްދަލުވުމުގައި ފަރެސްމާތޮޑާ ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް ހިންގޭ މަޝްރޫއުތަކާއި އަދި ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި ސަރުކާރުގެ މިނިސްޓްރީތަކާއި ކުންފުނިތަކުން އެކައުންސިލަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާކަން ފާހަގަކޮށްފައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް އެމަނިކުފާނު ފަރެސްމާތޮޑާއަށް ވަޑައިގެންނެވުމުން ރަށުގެ ރައްޔިތުންގެ ފަރާތުން ދެންނެވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރައްވާފައެވެ. ރައީސްގެ ވާހަކަފުޅުގައި ފަރެސްމާތޮޑާ ހިމެނޭ މިސަރަހައްދަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްވެރިކަން ކުރެވޭ ސަރަހައްދުކަން ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން މަސައްކަތްކުރަމުން ދަނީ، ރަށްރަށުގެ ތަރައްޤީއަށް ހިންގޭ މަސައްކަތްތަކުގައި ކައުންސިލްތަކާއި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ އާއިއެކު ކުރިޔަށް ދިޔުމަށްކަމަށް ރައީސް ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ކައުންސިލުންނާއި، އ.ތ.މ ކޮމިޓީން ފާހަގަކުރެއްވި ކަންކަމާއި ގުޅޭ ގޮތުން، ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކާގުޅިގެން މަޝްވަރާކުރައްވައި އެކަންކަމަށް ހައްލު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު