ޒޯން 2 ގައި ހިމެނޭ ޅ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރް.ޓީ.އެލްގެ ޚިދުމަތް އަގުނަގައިގެން ދޭން ފަށައިފިއެވެ.

އާރް.ޓީ.އެލްގެ ޚިދުމަތް ޒޯން 2 ގައި ހިމެނޭ ޅ. އަތޮޅަށް ފެށުމަށްޓަކާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީން ސްޕީޑް ފެރީތައް އެއަތޮޅަށް ފޮނުވާފައިވަނީ މިދިޔަމަހުގެ 16 ވަނަ ދުވަހުއެވެ. އަދި ނޮވެމްބަރު 17 އިން 20 އަށް އެންމެ ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ ފެރީތަކުގެ ޓެކްނިކަލް ޓެސްޓު ދަތުރުތަކެކެވެ.

އާއްމުން މި ޚިދުމަތަށް އަހުލުވެރިކުރުމުގެ ގޮތުން ހިލޭ ދަތުރުކުރުމުގެ ފުރުޞަތު ހުޅުވާލީ މިދިޔަމަހުގެ 21 ވަނަ ދުވަހުއެވެ. ކުރިން ހަމަޖައްސާފައިވަނީ މިދިޔަމަހުގެ 27 އާއި ހަމައަށް މި ދަތުރުތައް ކުރިއަށްގެންދިއުމަށެވެ. މަވެސް އެ މުއްދަތު ފަހުން ޕްލޭނިންގ މިނިސްޓްރީން ވަނީ އިތުރުކޮށްދީފައެވެ. މި ޚިދުމަތުން އަގު ނަގަން ފަށާފައި މިވަނީ ހިލޭ ދަތުރުކުރުގެ ފުރުޞަތު ގާތްގަނޑަކަށް 3 ހަފްތާއަށް ދިނުމަށްފަހުއެވެ.

އެގޮތުން ޅ. އަތޮޅުގައި 3 ރޫޓަކުން މި ދަތުރުތައް އެމް.ޓީ.ސީ.ސީން ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. ރޫޓް R1C1 ގެ ދަތުރުތައް އޮޅުވެލިފުށި، ކުރެންދޫ، ފެލިވަރު، މަޑިވަރު އަދި ނައިފަރަށް ކުރާނެއެވެ. R1C2 ރޫޓުގެ ތެރެއިން ހިންނަވަރު، ފެލިވަރު، މަޑިވަރު، އަދި ނައިފަރަށް ދަތުރުކުރާނެއެވެ. އަދި R1C3 ގެ ދަތުރުތައް ނައިފަރު، ކުރެންދޫ އަދި އޮޅުވެލިފުއްޓަށް ކުރާނެއެވެ.

ރަސްމީކޮށް އަގު ނަގައިގެން ދަތުރުތައް ފެށުމާއެކު، ކައުންސިލް މެދުވެރިކޮށް ފެރީގެ ޖާގަ ދޫކުރުން ހުއްޓާލެވޭނެއެވެ. އަދި އާރް.ޓީ.އެލްގެ ވެބްސައިޓް އަދި ޓްރެވަލް އެޕް ޓިކެޓް ގަތުމަށް ބޭނުންކުރެވޭނެކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ.



ކިޔުންތެރިންގެ ހިޔާލު