ހދ. ނޮޅިވަރަމްގައި މަރުވެފައި އޮއްވާ ފެނުނު އަންހެން މީހާގެ އޮޓޮޕްސީ ހަދަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ހދ. ނޮޅިވަރަމްގައި މަރުވެފައި އޮއްވައި ފެނިފައިވަނީ، އުމުރުން 28 އަހަރުގެ ނިޝާމާ މުހައްމަދެވެ. ނިޝާމާ ގޭގެ ކޮޓަރީގައި ހަބަރު ހުސްވެފައި އޮއްވާ ފެނިގެން، އެ ރަށު ސިއްހީ މަރުކަޒަށް މިއަދު ގެންދިޔައިރުވެސް ވަނީ ނިޔާވެފަައެވެ.

ފުލުހުން ބުނީ ނޮޅިވަރަމުގައި މީހަކު މަރާލައިގެން އުޅޭ ކަމަށް ބުނެ މިއަދު 12:30 ހާއިރު ފުލުހަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އެ މައުލޫމާތު ލިބުމާއެކު ފުލުހުން ސީންއަށް ގޮސްފައިވާ ކަމަށާއި އެ މީހާ އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ އަންހެން މީހާ މަރާލި ކަމަށް ތުހުމަތުކުރެވެނީ އޭނާގެ ފިރިމީހާ، އދ. ފެންފުށީ، ފައިސަލް އަލީގެ މައްޗަށެވެ.

ފުލުހުންގެ އިދާރާއިން ބުނީ ނިޝާމާގެ ހަށިގަނޑު މިހާރު ނޮޅިވަރަމުން، އެ އަތޮޅު ކުޅުދުއްފުއްޓަށް ގެންގޮސްފައިވާ ކަމަށާއި އޭނާގެ ޕޯސްޓްމޯޓަމް ހެދުމަށް ތަހުގީގު ޓީމުން ނިންމާފައިވާ ކަމަށެވެ.

ފުލުހުންގެ އިދާރާއިން ބުނީ ނިޝާމާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި ނިޝާމާގެ މަރުގެ މައްސަލަައިގައި އޭނާގެ ފިރިމީހާ އދ. ފެންފުށީ، ފައިސަލް އަލީ (32 އ) ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފައިސަލް ހައްޔަރުކޮށްފައިވަނީ އަމިއްލައަށް ފުލުހުންނާއި ހަވާލުވުމަށް ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ދިޔުމުންނެެވެ. ފުލުހުން ބުނީ ނިޝާމާގެ މަރުގެ މައްސަލައިގައި ފައިސަލް ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުން ކަމަށެވެ.

ނިޝާމާގެ މަރަށް ފަހު ފައިސަލް ވަނީ ވަގުތުން ލޯންޗެއް ހިފައިގެން ކުޅުދުއްފުއްޓަށް ގޮސްފަ އެވެ. ނިޝާމާގެ އާއިލާ އިން ތުހުމަތުކުރާގޮތުގައި އޭނާ މަރާލުމަށްފަހު ފިރިމީހާ ކުޅުދުއްފުއްޓަށް ދިޔައީ ފިލަންވެގެންނެވެ.

ނިޝާމާއަށް އޭނާގެ ފިރިމީހާ ވަރަށް ގިނައިން އަނިޔާކޮށް ހަދާ ކަަމަށާއި އެވާހަކަ ނިޝާމާ ދަންނަ ބައެއް މީހުން ކައިރީގައި ކިޔައިދީފައިވާ ކަމަށް އެކަމުގެ މައުލޫމާތު އެނގޭ ބައެއް މީހުން ވަނީ ބުނެފައެެވެ. ފައިސަލް އުޅެނީ ނޮޅިވަރަމް ފެނަކަ ބްރާންޗްގެ ޓެކްނީޝަނެއްގެ ވަޒީފާގައެވެ.

ނިޝާމާ އާއި ފައިސަލްގެ ކައިވެންޏަށް ތިން ކުދިން ވަނީ ލިބިފައެވެ. ދޮށީ ކުއްޖާގެ އުމުރުން ހަތް ވަރަކަށް އަހަރެވެ. ހަގު ދަރިފުޅު އުޅެނީ ބޭބީ ނާސަރީގައެވެ.

ފުލުހުން ގެންދަނީ މިމައްސަލަ އިތުރަށް ތަހުގީގް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު