ގދ. ގައްދޫގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އުމުރުން ދުވަސްވީ މީހާ ފަރުވާދެމުންދަނިކޮށް މިރޭ ނިޔާވެއްޖެއެވެ.

ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ އެ މީހާއަށް ފަރުވާދެމުން ދަނިކޮށް މިރޭ ނިޔާވެފައިވާ ކަމަށެވެ. އެ ހާދިސާގައި ފިހުނު 75 އަހަރުގެ ފިރިހެންމީހާ ނިޔާވެފައިވަނީ މިރޭ 8:50 ހާއިރު ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ. މިހާދިސާ ހިނގާފައިވަނީ ގޭސް އުނދުން ރޯކުރަން އުޅުމުގެ ތެރޭގައި އަލިފާން ރޯވެގެންނެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެ ހާދިސާ ހިނގުމުން ރޯވި އަލިފާން ނިއްވާލާލުމަށްފަހު ފަރުވާއަށް އޭނާ ސިއްހީ މަރުކަޒަށް ދިޔައީވެސް އަމިއްލައަށެވެ.

އެ މީހާ އިތުރު ފަރުވާއަށް ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ރޭގެ ވަގުތެއްގައެވެ. އޭނާ ނިޔާވީ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށް ޑޮކުޓަރުން އުއްމީދު ވެސް ކަނޑާލައިފައިވަނިކޮށެވެ. ފިހުނު މީހާގެ ހަށިގަނޑުގެ 50 ޕަސަންޓް ފިހިފައިވާ ކަމަށް ޑރ. އަބްދުއްސަމަދު ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ. މިހާދިސާ ހިނގި ގޭގެ ބަދިގެއަށް ވެސް ވަނީ ގެއްލުންވެފައެެވެ.



ކިޔުންތެރިންގެ ހިޔާލު