ކޮވިޑް-19އާ ގުޅިގެން ވެންޓިލޭޓަރު ގަތުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނަރަލް ޓްރޭޑިންއާއެކު ސަރުކާރުން ގާއިމްކުރި އެއްބަސްވުމާއި އެއްގޮތަށް އެ ކުންފުނިން މުދާ ފޯރުކޮށްދީފައިނުވާ މައްސަލައިގެ އާބިޓްރޭޝަން މަރުހަލާ ކުރިއަށްގެންދިއުމަށް ދުބާއީގެ ލޯ ފާމެއް ހޯދުމުގެ މަސައްކަތް ކުރިއަށްދާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ވެންޓިލޭޓަރު ގަތުމަށް އެގްޒެކިއުޓާސްއާއެކު ހެލްތު މިނިސްޓްރީން އެއްބަސްވުމެއް ގާއިމްކުރީ 2020 ވަނަ އަހަރުގެ އޭޕްރީލް 2 ގައެވެ. ނަމަވެސް އެއްބަސްވުމާ އެއްގޮތަށް ތަކެތި ލިބިފައި ނުވާތީ ސަރުކާރުން ވަނީ އެއްބަސްވުން ބާތިލްކޮށްފައެވެ.

އެއްބަސްވުމުގައިވާ ގޮތުން އެއްބަސްވުމާއި ގުޅޭ މައްސަލައެއް އުފެދިއްޖެނަމަ އެ މައްސަލައެއް ހައްލުކުރާނީ އާބިޓްރޭޝަން މެދުވެރިކޮށެވެ. އަދި އާބިޓްރޭޝަން ހިންގަން އެއްބަސްވުމުގައިވާ ތަނަކީ ދިވެހިރާއްޖެއަށްވާއިރު އެމަރުހަލާގައި އަމަލުކުރަން ވެސް ޖެހެނީ ރާއްޖޭގެ ގާނޫނަށްކަމަށް އެއްބަސްވުމުގައިވެއެވެ.

ނަމަވެސް މިހާތަނަށް އައިއިރުވެސް ސަރުކާރުން މި މައްސަލަ ރާއްޖޭގައި ހުންނަ މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް ހުށަހަޅާފައެއް ނުވެއެވެ.

ރައީސުލްޖުމްހުރިއްޔާ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ

ވެންޓިލޭޓަރތަކާ ގުޅޭ މައްސަލައިގައި ދުބާއީ ކުންފުންޏެއް ހިމެނޭތީ، ދުބާއީގެ ލޯ ފަރމެއް ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށްދާކަމަށެވެ.

"އާބިޓްރޭޝަނަށް މައްސަލަ ހުށަހެޅުމުގެ މަސައްކަތް ކުރިއަށް އެބަދޭ. ގާނޫނީ ޓީމު އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރަމުން. އެކަމަށް ހުއްޓުމެއް ނާދެ." މައްސަލަ ލަސްވާކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން މިއުވާން ވިދާޅުވިއެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އާބިޓްރޭޝަނަށް ދިއުމުގެ އިތުރުން އެ ވެންޓިލޭޓަރުތައް ގަތުމުގައި އިހްމާލުވި އަދި ކޮރަޕްޝަނަށް ތުހުމަތުވާ ގޮތަށް އަމަލުކުރި 11 މީހަކަށް ދައުވާކުރުމަށް އޭސީސީން ތިން ފަހަރަށް ޕީޖީ އޮފީހަށް މައްސަލަ ފޮނުވިއެވެ. ނަމަވެސް ތަހުގީގު ފުރިހަމަ ނުވާ ކަމަށް ބުނެ ޕީޖީ އޮފީހުން ވަނީ ކޮންމެ ފަހަރަކު މައްސަލަ އަނބުރާ ފޮނުވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ނަޒަރު

22-Feb-2023

ތަހުގީގު ފުރިހަމަ ނުވަނީ ދިވެހި ފުލުހުންގެ އެފެންވަރުނެތީމަ ދޯ. ތިކަމުގާ ވެރިންގެ އަތެއް ވާތީ .ފުލުހުންނަށް ތިކަން ކުރަން ނޭނގެނީ. .



ޓްރެންޑިން