ނަފްސާނީ ބަލިތަކަށް ދޭންޖެހޭ ފަރުވާއަކީ ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ބޭސްފަރުވާގެ ދަށުން ލިބެންޖެހޭނެ ހިދުމަތެއްކަމަށް ސަރުކާރުން ގަބޫލުކުރާކަމަަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރަސްއޮންލައިންގެ ފަރާތުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ  ނަފްސާނީ ބަލިތަކަށް ދޭންޖެހޭ ފަރުވާއަކީ ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ބޭސްފަރުވާގެ ދަށުން ލިބެންޖެހޭނެ ހިދުމަތެއްކަމަށް ސަރުކާރުން ބަލައިގަނެ އެމައްސަކަތް ފެށިފައިވާކަމަށެވެ. އެގޮތުން ރައީސް ސޯލިޙުގެ ސަރުކާރުން މެންޓަލް ހެލްތު ސެކްޓަރއެއް ގާއިމުކުރެވިފައިވާކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

މީގެއިތުރުން މިޚިދުމަތް އަތޮޅުތެރޭގައިވެސް ފުޅާކުރުމުގެ މަސައްކަތް މިސަރުކާރުން ކުރަމުންދާކަމަށް މިއުވާން ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންނަށް އަތްފޯރާ ފަށުގައި މިޚިދުމަތް ފޯރުކޮށްދިނުމުގެ އިންތިޒާމް އަވަސް މުސްތަގުބަލެއްގައި ހަމަޖެހިގެން ދާނެކަމަށް މިއުވާން ވިދާޅުވިއެވެ.

"އާސަންދައިގެ ތެރެއިން މިހާރު ބޮޑުބައެއް ކަވަރ ކުރާނެ ދެން އިތުރަށް މިސިއްހީ ޚިދުމަތް ނެޝަނަލް ހެލްތު ސިސްޓަމް ތެރެއިން ފުޅާވެގެން ދާއިރު އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް އަތްފޯރާ އަގުގައި މިހިދުމަތް ދެވިގެންދާނެ،" މިއުވާން ވިދާޅުވިއެވެ.

ސަރުކާރުގެ ޤައުމީ ސިޔާސަތުތަކުގެ ތެރޭގައި، ނަފްސާނީ ދުޅަހެޔޮކަމަށް ދެއްވާ އިސްކަމުގެ ތެރޭން ކުރެވޭ މަސައްކަތްތަކުގެ ދަށުން ނަފްސާނީ ޞިއްޙަތަށް ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕެއިން މިހަފްތާގެ ހޯމަދުވަހު، ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙް ވަނީ އިފްތިތާޙް ކޮށްދެއްވާފައެވެ. މިކެމްޕެއިން ފަށްޓަވައިދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ސަރުކާރުން އެންމެ ބޮޑު ސަމާލުކަމެއް ދެއްވައި އަދި މިހާރުވެސް މަސައްކަތްކުރަމުން އަންނަނީ އެންމެ ފަރުދަކުވެސް ބާކީ ނުކޮށް އަދި ތަފާތުނުކޮށް، ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ލިބިދިނުމަށްކަމުގައެވެ.

ރާއްޖޭގައި ގާޢިމުކުރި ނަފްސާނީ ފަރުވާ ދޭ ފުރަތަމަ މަރުކަޒުކަމުގައިވާ "ސެންޓަރ ފޯ މެންޓަލް ހެލްތު" އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި ހުޅުވިގެންދިޔައީވެސް ރައީސް ސޯލީޙުގެ ސަރުކާރުގެ ތެރެއިންނެވެ. 2019ގައި ގާއިމުކުރި އެ ޚިދުމަތްތައް އިތުރަށް ފުޅާވެ، ހުޅުމާލޭ ހޮސްޕިޓަލުގައިވެސް މެންޓަލް ހެލްތް ސެންޓަރެއް މިހާރު ވަނީ ޤާއިމުކޮށްފައެވެ. މި ޚިދުމަތްތައް ދެމުން އަންނަނީ، ނަފުސާނީ ބަލިތަކަށް ބޭނުންވާ ގިނަ ފަރުވާތައް އާސަންދައިގެ ދަށުން ކުރެވޭ ގޮތަށެވެ.

މީގެ އިތުރުން މިހާރު ޓާޝަރީ ފެންވަރަށް ތަރައްޤީކުރަމުން އަންނަ ފަސް ހޮސްޕިޓަލުގައިވެސް ނަފްސާނީ ފަރުވާދޭނެ އިންތިޒާމުތައް ހަމަޖެހިފައިވާކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން