އިބްރާހިމް ފަހީމް   22 ނޮވެމްބަރު 2022 - 22:47
ވޯލްޑްކަޕްގެ ގުރޫޕް ސްޓޭޖްގައި ކުޅުނު ފުރަތަމަ މެޗުގައި ސައުދީ އަރަބިއްޔާ އަތުން ބަލިވެ އާޖެންޓީނާއަށް ބޮޑު ލަދަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

މިއަދު ހަވީރު ކުޅުނު މި މެޗު ސައުދީން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އެންމެ ފުރަތަމަ ލީޑުނެގީ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ޕެނަލްޓީއަކުން ޖަހައިދިން ގޯލަކުން އާޖެންޓީނާއެވެ. ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އުފެއްދީވެސް އާޖެންޓީނާއިންނެވެ.

ނަމަވެސް، ގޯލަށް ނުރައްކާކުރެވުނު ގިނަ ބޯޅަތައް ވެގެންދިޔައީ އޮފްސައިޑު ބޯޅަ ތަކަށެވެ.

މެޗުގެ ދެވަނަ ހާފު ފެނިގެންދިޔައީ މުޅިން ތަފާތުކޮށެވެ. ސައުދީން ތަފާތު ކުޅުމެއް ދައްކާ މެޗުގެ 48 ވަނަ މިނެޓުގައި ސައުދީން އެ ޓީމުގެ ފުރަތަމަ ގޯލް ޖަހާ އެއްވަރު ކުރިއެވެ. މި ގޯލް ޖަހައިދިނީ ފެރާސް އަލް ބްރިކަން ދިން ބޯޅައަކުން ސާލެހް އަލް ޝެހްރީއެވެ.

އެ ގޯލަށްފަހު އާޖެންޓީނާގެ ކުޅުން ހަމައަކަށް ނޭޅުވިގެން އުޅެނިކޮށް ސައުދީން އަނެއްކާވެސް ގޯލެއް ކާމިޔާބު ކުރިއެވެ. ޕެނަލްޓީ އޭރިއާތެރެއިން ލިބުނު ބޯޅަ ގޯލަށް ވައްދާލައިގެން އެ ގޯލު ކާމިޔާބު ކޮށްދިނީ ސާލެމް އަލް ދަވްސާރީއެވެ.

މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް އާޖެންޓީނާއިން ގިނަ މަސައްކަތްތަކެއް ކުރިއެވެ. ނަމަވެސް ގިނަ ހަމަލާތަކުގެ ހުރަހަކަށްވަނީ ސައުދީގެ ގޯލްކީޕަރެވެ. އޭނާވަނީ މި މެޗުގައި ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ.

ވޯލްޑްކަޕްގައި މިއަދު ކުރިއަށް އޮތް މެޗުތަކުގެ ތެރޭގައި، 18:00 ގައި ޑެންމާކް އަދި ޓިއުނީޝިއާ ބައްދަލު ކުރާއިރު 21:00 ގައި މެކްސިކޯ އާއި ޕޮލެންޑް ބައްދަލު ކުރާނެއެވެ. އަދި މިރޭ 00:00 ގައި ފްރާންސާއި އޮސްޓްރޭލިއާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން