ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދުނިޔޭގެ ލީޑިންގ ޑެސްޓިނޭޝަންގެ ޝަރަފްވެރި މަގާމު ދިވެހިރާއްޖެއިން ޖެހިޖެހިގެން ތިން ވަނަ އަހަރަށް ހާސިލުކޮށްފިއެވެ.

އޮމާންގެ ރިޓްޒް ކާލްޓަންގެ ހޮޓެލެއްކަމުގައިވާ އަލް ބުސްތާން ޕެލަސްގައި ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސް 2022 ގެ ހަފްލާގައި ދިވެހިރާއްޖެއަށް ލިބުނު މި ޝަރަފުވެރި އެވޯޑާއި ހަވާލްވެވަޑައިގެންނެވީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު (އެމްއެމްޕީއާރުސީ / ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އެންޑް އެމްޑީ) ތޮއްޔިބު މުހައްމަދު އަދި ރާއްޖޭގެ މިނިސްޓަރ އޮފް ޓޫރިޒަމް ޑރ ޢަބްދުﷲ މަޢުޞޫމެވެ.

ދިވެހިރާއްޖޭގެ އިތުރުން މި އަހަރު ލީޑިން ޑެސްޓިނޭޝަން އެވޯޑަށް 18 ގައުމެއް ނޮމިނޭޓްވެ ވާދަކޮށްފައިވެއެވެ. މީގެ ތެރޭގައި ދުބާއި, ޕޯޗުގަލް، އިންޑޮނޭޝިއާ އަދި ގްރީސްފަދަ ނަން މަޝްހޫރު ގައުމުތައް ހިމެނުނެވެ.

ދުނިޔޭގެ ލީޑިންގ ޑެސްޓިނޭޝަންގެ އިތުރުންވެސް އެތަކެއް ޝަރަފުވެރި އެވޯޑްތަކެއް ދިވެހިރާއްޖެއިން ވަނީ މި ރަސްމިއްޔާތުގައި ހާސިލުކޮށްފައެވެ. މިގޮތުން ދުނިޔޭގެ ލީޑިންގ ޓޫރިސްޓް ބޯޑްގެ ލަގަބު ފުރަތަމަ ފަހަރަށް އެމްއެމްޕީއާރުސީއިން ކާމިޔާބުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. މި އެވޯޑު ރާއްޖެއިން ހާސިލްކޮށްފައި މިވަނީ ދުނިޔޭގެ އެންމެ މަޝްހޫރު އަދި ބޮޑެތި ބަޖެޓް ލިބިފައިވާ ޓޫރިސްޓް ބޯޑުތަކާ ވާދަކޮށެވެ. މިގޮތުން މި އެވޯޑަށް 28 ޓުއަރިސްޓް ބޯޑެއް ނޮމިނޭޓްވެފައިވާއިރު، މީގެތެރޭގައި ވިޒިޓް ދުބާއި, އިންކްރެޑިބަލް އިންޑިއާ، ޓޫރިޒަމް އޮސްޓްރޭލިއާ، އަދި ވިޒިޓް އިންގްލެންޑު ހިމެނެއެވެ.

ޓޫރިޒަމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމް ވިދާޅުވީ މި އެވޯޑަކީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖޭގެ މަގުބޫލުކަމުގެ ހެއްކެއް ކަމުގައެވެ. އަދި ވޭތުވެދިޔަ ތިން އަހަރު ތެރޭގައި ފަތުރުވެރިކަމުގެ ސިނާއަތުން ހާސިލްކުރި އެވޯޑް ތަކުން ދައްކުވައިދެނީ މި ދާއިރާއިން ގުޅިގެން އެކުގައި ގޮންޖެހުން ތަކުން އަރައިގަނެ ކޮންމެ ކަމެއްވެސް ހާސިލްކުރެވިދާނެކަމެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީއީއޯ އެންޑް އެމްޑީ ތޮއްޔިބު ވިދާޅުވީ ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަންގެ ޝަރަފުވެރި އެވޯޑް ޖެހިޖެހިގެން ތިން ވަނަ އަހަރު ކާމިޔާބު ކުރެވުމަކީ ހަގީގަތުގައި ވެސް ލިބުނު ޝަރަފެއްކަމުގައެވެ. މި އަހަރަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ރަން ޔޫބީލްކަމުން، އަޅުގަނޑުމެންގެ އައްސޭރިފަށަށް ފަތުރުވެރިންނަށް މަރުހަބާ ކިޔަންފެށިތާ 50 އަހަރު ފުރުން ފާހަގަކުރުމަށް މިއަށްވުރެ ރަނގަޅު ކާމިޔާބީއެއް ނެތްކަމަށްވެސް ތޮއްޔިބު ވިދާޅުވިއެވެ.

މި ކާމިޔާބީއަކީ ސަރުކާރުގެ އިރުޝާދާއި، އަޅުގަނޑުމެންގެ ބައިވެރިންގެ އެއްބާރުލުމާއި، މުޅި ފަތުރުވެރިކަމުގެ ސިނާޢަތުގެ އެންމެންގެ ބުރަ މަސައްކަތުގެ ސަބަބުން ހާސިލުވި ޝަރަފެއްކަން ފާހަގަކުރައްވަމުން ތޮއްޔިބުގެ ވާހަކައިގާ އިތުރަށް ވިދާޅުވީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގެ މީހުން ދިވެހިރާއްޖެ ދެކެ ވާ ލޯބި ވަރަށް ސާފުކޮށް ފެނިއްޖެކަމަށެވެ. އަދި މިއަހަރަކީ އެމްއެމްޕީއާރުސީ (ވިޒިޓް މޯލްޑިވްސް)އިން ދުނިޔޭގެ ލީޑިންގ ޓޫރިސްޓް ބޯޑުގެ ޝަރަފު ކާމިޔާބުކުރި ފުރަތަމަ އަހަރުކަމުން، ފާއިތުވި އަހަރުތަކުގައި ދުނިޔެއަށް ކުރިމަތިލާންޖެހުނު އެކި އެކި މުސީބާތްތައް ތަހައްމަލުކޮށް، އެމްއެމްޕީއާރުސީގެ ޓީމުން ކުރި ބުރަ މަސައްކަތުގެ އަގު ދުނިޔެއިން ވަޒަންކޮށްފައިވާކަން އުފަލާއެކު ތޮއްޔިބު ފާހަގަކުރެއްވިއެވެ.

ތޮއްޔިބުގެ ވާހަކަ ނިންމަވާލައްވަމުން ޑަބްލިއުޓީއޭގައި ރާއްޖެއަށް އަދި އެމްއެމްޕީއާރުސީއަށް ވޯޓު ދެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާ، ސަނީ ސައިޑް އޮފް ލައިފް އަށް މަރުހަބާ ކިޔާނެ ފުރުސަތު ލިބޭނެ ކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

މި އަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސްގައި ރާއްޖެއިން ހޯދި ކާމިޔާބީތަކާ ބެހޭގޮތުން ވާހަކަދައްކަވަމުން ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްކުރުމުގައި އިސްކޮށް ހަރަކާތްތެރިވި އެއް ބާނީ، ހުސެއިން އަފީފް، ވަނީ އަޅުގަނޑުމެންގެ އިޤްތިޞާދުގެ ބިންގާ ކަމުގައިވާ ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ހުރިހާ އެންމެން އެކުގައި ގައުމު ކުރިއެރުވުމަށް ކުރަމުން މިދާ މަސައްކަތަށް ތައުރީފް ކުރައްވާފައެވެ. އަދި މި ކާމިޔާބީގެ ތަހުނިޔާ ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކާއި، ޖަމިއްޔާތަކާއި، ޤައުމުގެ ހުރިހާ ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.

އަފީފް އިތުރަށް ވިދާޅުވީ ރާއްޖެގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އެމްއެމްޕީއާރުސީއިން ކުރަމުންދާ މަސައްކަތްތަކަކީ ބައިނަލްއަޤްވާމީ ފަރާތްތަކުން ބަލައިގަންނަ މަސައްކަތެއް ކަމަށެވެ. އަދި މި އަހަރު ދުނިޔޭގެ ލީޑިންގ ޓޫރިސްޓް ބޯޑުގެ ލަގަބު ހޯދިކަމަށްޓަކައި އެމްއެމްޕީއާރުސީގެ ބޯޑު މެމްބަރުންނާއި، މެނޭޖްމަންޓް އަދި ހީވާގި މުވައްޒަފުންނަށް މަރުހަބާ ކިޔާފައެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގެ ތެރޭގައި ފުރުތަމަ ފަހަރަށް މި ޝަރަފު ކަށަވަރުކުރުން ދިވެހިރާއްޖެއިން އެންމެ ފުރަތަމަ ފަހަރަށް ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަންގެ ޝަރަފު ހޯދީ 2020 ވަނަ އަހަރު، ކޯވިޑް-19 ގެ ބަލިމަޑުކަމުގެ އެންމެ ހައްސާސީ ދަނޑިވަޅުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން