ވޭތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އުފެދި ތަރައްޤީވުމަށް ފަހި މާހައުލެއް ގާއިމް ކޮށްދީފަައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

ޖުމުހޫރީ ދުވަސް ފާހަގަކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވީ ޤައުމެއްގެ ސިޔާސީ އަދި އިޖުތިމާޢީ ދުޅަހެޔޮކަން ގެއްލިދާ އެންމެ ބޮޑު ސަބަބަކީ، އިޤްތިޞާދީ ނުތަނަވަސްކަން ކުރިމަތިވުން ކަމަށެވެ. އަދި ޤައުމެއް ފުދުންތެރިވެ، އިޤްތިޞާދީ ހަކަތަ ދައުރު ކޮށްދޭ މައިނާރަކީ، އެޤައުމެއްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިޙު ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އުފެދި ތަރައްޤީވުމަށް ފަހި މާހައުލެއް، މިފާއިތުވި 4 އަހަރު ޤާއިމުކޮށްދީފައިވާ ކަމަށެވެ. އެގޮތުން އެ ވިޔަފާރިތައް ރަޖިސްޓްރީކުރުމާއި ހިންގުމުގައި ހުރި އިދާރީ ހުރަސްތައް، ވަރަށް ބޮޑަށް މިހާރު ކުޑަކުރެވި އެ ނިޒާމް ޑިޖިޓައިޒް ކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި މީގެކުރިން އޮތް ކޮޅުންނުލާ ކިއު، މިހާރު ހަމައަކަށް އަޅުވައި ތަރުތީބު ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެސް.އެމް.އީ. ބޭންކުގެ ޒަރީޢާއިން މި 4 އަހަރު އުފެދުނު ވިޔަފާރިތައް، އިޤްތިޞާދު ހިންގުމުގަޔާއި ވަޒީފާ އުފެއްދުމުގައި މުހިންމު ދައުރެއް އެބަ އަދާކުރޭ." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ ވަޒީފާ އަދާކުރާ މީހާއަށް އެންމެ ކުޑަވެގެން ދެވޭނެ އުޖޫރަ، އެއީ ޤާނޫނަކުން ކަށަވަރުކޮށްދޭ ޙައްޤެއްގެ ގޮތުގައި ކަނޑައަޅައިދީފައިވާ ކަމަށެެެވެ. އަދި އެ ޤާނޫނުގެ ލާބަ، މަސައްކަތްތެރިންނަށް މިހާރު ލިބެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތަޢުލީމީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ހެޔޮ ބަދަލުގެ އަސަރު އެދާއިރާގައި މަސައްކަތް ކުރާ ޒުވާނުންނަށް ލިބެމުންދާ ކަމަށެވެ. އަދި އަންނަ އަހަރު އެ ހެޔޮ ބަދަލު ޞިއްހީ ދާއިރާއަށް ގެނެވޭނެ ކަމަށް ރައީސް ވިދާޅުވިއެެެވެ. ރައީސް ވިދާޅުވީ މަސައްކަތްތެރިން، މަސައްކަތްކުރާ މާޙައުލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެެވެ.

"މަސައްކަތްތެރިން، މަސައްކަތްކުރާ މާޙައުލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް، އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ އެކްޓް، އަޅުގަނޑު އިއްޔެ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިން. މިއީ، މަސައްކަތުގެ މާޙައުލުގައި ހަރަކާތްތެރިވާ ހުރިހާ ފަރުދުންނަށް ލިބިދޭންޖެހޭ ރައްކާތެރިކަން ކަށަވަރުކޮށްދޭ ޤާނޫނު." ރައީސް ސާލިޙު ވިދާޅުވިއެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން