ފާއިތުވި 4 އަހަރު ސަރުކާރުން ކުރިމަސައްކަތްތަކާއެކު، ޒުވާނުންގެ އުންމީދުތަކުގައި ކުލަ ޖެހެމުން ދާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ރޭ ވިދާޅުވެއްޖެއެވެ.

ޖުމުހޫރީ ދުވަސް ފާހަގަކުރުމުގެ ދަރުބާރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވީ މީގެ 4 އަހަރު ކުރިން އޮތް ރާއްޖޭގެ ހާލަތު ބަދަލުކުރަން، ދިވެހި ޒުވާނުން ނުކުތީ އެމީހުންގެ ހާލަތު ބަދަލު ކުރުމަށް ކަމަށެވެ. ރައީސް ވިދާޅުވީ މީގެ 4 އަހަރު ކުރިން ރާއްޖޭގެ ޒުވާނުން މެދުއުޑުގައި ފިޔަޖެހުމަށް ކުރި އުންމީދު އޮތީ، ހަމައެކަނި އިވުނު އަޑެއްގެ ގޮތުގައި ކަމަށެވެ. އަދި ދިވެހިރާއްޖެއަށް ގެނެވުނު ބަދަލު ގެނައުމުގައި، ޒުވާނުންގެ ހިއްޞާ ނުހަނު ބޮޑުކަމަށް ރައީސް ވިދާޅުވިއެވެ.

ދިވެހި ޒުވާނުންގެ ހާލަތު ސިފަކޮށްދެއްވަމުން ރައީސް ވިދާޅުވީ އެ ޒުވާނުން އޭރު ތިބި މާޔޫސްކަމުގެ ތެރެއިން، އެމީހުންގެ މުސްތަޤްބަލު ގެއްލިދާނެ ކަމުގެ ބިރު، ޚުދު އެޒުވާނުންނަށް އޭރު އޮތް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ތަޢުލީމާއި ތަމްރީނާއެކު ހެދިބޮޑުވާ، އުފެއްދުންތެރި ޖީލެއްގެ ބޭނުން، ދިވެހި ޖުމްހޫރިއްޔާއަށް ނުހަނު މުހިންމު ކަމަށެެވެ. ހަރުދަނާ ރަނގަޅު ޒުވާނަކަށްވުމަށް އޮތް ތަކުލީފް، ކުރިން އިންތިހާއަށް ބޮޑު ކަމަށް ރައީސް ވިދާޅުވިއެވެ.



އެމަނިކުފާނު ވިދާޅުވީ އުފެއްދުންތެރި ޒުވާން ޖީލެއް ބިނާކުރުމަށް ފާއިތުވި 4 އަހަރު ސަރުކާރުން ކުރި މަސައްކަތްތަކާއެކު، ޒުވާނުންގެ އުންމީދުތަކުގައި ދަނީ ކުލަ ޖެހެމުން ކަމަށެވެ. އެގޮތުން ހުނަރު ޕްރޮގްރާމާ، ހިލޭ ޑިގްރީ ޕްރޮގްރާމަކީ، ދިވެހި ޖުމްހޫރިއްޔާގެ ކުރިމަގަށް ކުރެވޭ އެންމެ ބޮޑު އިންވެސްޓްމެންޓް ކަމަށް ރައީސް ވިދާޅުވިއެވެ.

"މި ފާއިތުވި 4 އަހަރު މުޅިން އަލަށް 15،547 ޒުވާނުންނަށް ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ފަހިކޮށް ދެވިއްޖެ. ވަޒީފާގެ މާޙައުލަށް ޒުވާނުން ތައްޔާރުކުރުމަށް ސަރުކާރުން ހިންގާ، ހުނަރާއި ތަމްރީނު ޕްރޮގްރާމްތަކުން އެކަނިވެސް، 5،000 އަށްވުރެ ގިނަ ފުރުޞަތު ހޯދައި ދެވިއްޖެ. މިހާރު މިއޮތް ފުރުޞަތުތައް، މީގެކުރިން ޒުވާނުންނަށް ފަހިވިނަމަ، މިއަދުގެ ނަތީޖާ މާރަނގަޅުވީސް. ގޮތްހުސްވެ، މާޔޫސްވެ، މަގުގެއްލި، މަގުތަކަށް ގިނަވާ ޒުވާނުން، މިހާރާ އެއްވަރަށް އޭރުވެސް މަދު ކުރެވުނީސް." ޒުވާނުންގެ ތަރައްގީ އާއި ކުރިއެރުމަށް ސަރުކާރުން ކޮށްފައިވާ މަސައްކަތްތަައް ފާހަގަކުރަށްވަމުން ރައީސް ސާލިޙު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން