އިއްޔެ ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ ހަށިގަނޑުތައް ރާއްޖެއިން ބޭރަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ އިދާރާއިން މިރޭ ބުނީ އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ ތެރެއިން އެމީހުންގެ އާއިލާއިން ހަށިގަނޑުތައް ގައުމަށް ގެންދަން ބޭނުންވާ މީހުންގެ ހަށިގަނޑު އެމީހުންގެ ގައުމަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތައް ފޮރިން މިނިސްޓްރީއާއި އެގައުމެއްގެ އެމްބަސީ އަދި ފުލުހުން ގުޅިގެން ކުރަމުން ދާކަމަށެވެ.

މީގެ ކުރިން ފުލުހުން ވަނީ ގ. ނިރުފެހީގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި 10 މީހުންގެ ތެރެއިން 9 މީހަކު ދެނެގަނެވިފައިވާކަން ހާމަކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ އިންޑިޔާ 4 ފިރިހެނަކާއި އިންޑިއާގެ 3 އަންހެނަކާއި ބަންގުލަދޭޝްގެ އަންހެނަކާއި އެގައުމުގެ ފިރިހެނެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ނަމަވެސް މަރުވި 10 މީހުންގެ ތެރޭގައި ކާކުކަން ދެނެގަނެވިފައިނުވާ އެކަކު ހިމެނޭކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. ފުލުހުން ބުނީ އޭނާ ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ހާމަކޮށްފައިނުވާއިރު، ފުލުހުން އަދިވެސް ގެންދަނީ މި ހާދިސާ އިތުރަށް ތަހުގީގުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު