ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެފްއޭއެމްގެ ދަރަނީ ހާލަތާއި މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެެވެ.

އެފްއޭއެމްގެ ދަރަނީގެ ހާލަތާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވީ، ދަރަނީގެ މައްސަލައިގައި އެފްއޭއެމާއި ވާހަކަ ދައްކަވައި މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި ދަރަނީގެ މައްސަލަ ހައްލު ކުރާނެ ކަމުގެ ޔަގީންކަން އެފްއޭއެމުން ދީފައިވާ ކަމަށާއި އެކަމުގައި އެހީތެރިކަން ފޯރު ކޮށްދެވެން އޮތްނަމަ އެ ކަމެއް ކޮށްދެއްވާނެ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް ވިދާޅުވީ، ކޮވިޑް ތެރޭގައި ބައެއް ބޭނުންތަކަށް އެފްއޭއެމް އިމާރަތް ބޭނުންކުރުމުން ބައެއް ޚަރަދުތައް ހިނގާފައި އެބަހުރި ކަމަށެވެ. އަދި އެ ޚަރަދުތަކުގެ ޒިންމާ ސަރުކާރުން ނަގާނެ ކަމަށް މަހުލޫފް ވިދާޅުވިއެވެ. މަހުލޫފް ވިދާޅުވީ އެފްއޭއެމްގެ ބެލުމުގެ ދަށުގައި އޮތް ބޮޑު ޓާފް ދަނޑު ލައިޓް ދިއްލުމަށް ދާ ޚަރަދު ނުދައްކާ އެބަހުރި ކަމަށެވެ. އެމައްސަލައިގައި އެފްއޭއެމާއި މަޝްވަރާ ކުރެއްވި ކަމަށާއި މިނިސްޓްރީގެ ބެލުމުގެ ދަށުން އާންމުންނަށް އެ ދަނޑު ބޭނުންކުރެވޭނެ ފަދަ ގޮތަކަށް އެކަމުގައި އެހީތެރިކަމެއް ފޯރުކޮށްދެވިދާނެ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

"މުޅި ބިލް އެއްކޮށް ދައްކާލާފައި ދޫކޮށްލާ ގޮތަކަށް އެކަން އަޅުގަނޑުމެންނަށް ކުރަން ދަތިވާނެ ވާހަކަ އޮންނާނެ ބުނެފައި. އެކަމަކު އޭގެ ބަދަލުގައި އެފްއޭއެމްގެ ބެލުމުގެ ދަށުގައި އޮތްތަނެއްވީމާ އަޅުގަނޑުމެން އެބިލް ކްލިއާ ކޮށްދެން އެހީތެރިވާ ކަމަށް ވަންޏާމު އެތަނުގައި ޓީމްތައް ޕްރެކްޓިސްކޮށް ނިންމާފައި ހުސްކޮށް ލިބޭ ވަގުތަކީ އާންމުންނަށް މިނިސްޓްރީން ބޭނުންވާނެ އެރޭޖްމަންޓެއް ހެދޭނަމަ އެކަމާ ވިސްނާނެ ވާހަކަ އޮންނާނީ ދައްކާފައި. އެކަމާ މަޝްވަރާތަކެއް ކުރިއަށް އެބަދޭ،" މަހުލޫފް ވިދާޅުވިއެވެ.

އެފްއޭއެމުން ކްލަބްތަކާއި އެކި ފަރާތްތަކަށް ދޭން ޖެހޭ ފައިސާ ނުދޭ މައްސަލަތަކެއް ފެންމަތިވެފައިވާއިރު، ދާދިފަހުން އޭޑީކޭ ހޮސްޕިޓަލަށް އެފްއޭއެމުން ދައްކަންޖެހޭ 1.7 މިލިއަން ރުފިޔާ އެއްމަސް ދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރުމަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ސްޓެލްކޯއަށް ކަރަންޓު ބިލު ނުދައްކާތީ، އެފްއޭއެމް ހައުސް ހިންގާ އިމާރާތުން ދާދި ފަހުން ވަނީ ކަރަންޓު ވެސް ކަނޑާލައިފައެވެ. އަދި ގައުމީ ޓީމުގެ ކުޅުންތެރިންނަށް ދޭން، ވިޔަފާރި ކުންފުނިތަކުން މިދިޔަ އަހަރު ދިން ފައިސާ ނުދީގެން އެ ޝަކުވާވެސް ކުޅުންތެރިން ވަނީ ކޮށްފައެވެ.

މީގެއިތުރުން އެޕޯލޯ އަށް ދައްކަންޖެހޭ 13 މިލިއަން ރުފިޔާ ދަރަންޏެއް ނުދެއްކިގެން އެޗްޑީސީން އެފްއޭއެމަށް ހުޅުމާލޭން ކުއްޔަށް ދީފައިވާ ބިމުން ބައެއް 25 އަހަރަށް ވަނީ ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު