ހުޅުމާލޭގައި ބިދޭސީން ބައިތިއްބަން ހަދާ ޑިޓެންޝަން ސެންޓަރުގެ މަސައްކަތް މިއަހަރު ތެރޭގައި ނިންމާލެވެނޭ ކަމަށް އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވީ، ހުޅުމާލޭގައި ބިދޭސީން ބައިތިއްބަން ޑިޓެންޝަން ސެންޓަރެއް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ފައްޔާޒު ވިދާޅުވީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ރާއްޖެއިން ފޮނުވާލެވެންދެން އެމީހުން ބައިތިއްބާނެ ވަސީލަތެެއް މިހާތަަނަށް ސަރުކާރުގައި ގާއިމް ކުރެވިފައި ނެތް ކަމަށެވެ. އަދި ރެގިއުލޭޝަން ޕްރޮގުރާމްގައި ބައިވެރިނުވެ ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ބައިތިއްބާނެ ތަނެއް ނެތުމަކީ އެމީހުން ރާއްޖެއިން ފޮނުވާލުމަށް އޮތް ބޮޑު ގޮންޖެހުމެެއް ކަމަަށް ފައްޔާޒު ވިދާޅުވިއެވެ.

"ބިދޭސީން ޑިޓެންޝަން ސެންޓަރެއްގައި ބައިތިއްބައިގެން އިމިގްރޭޝަންގެ ގާނޫނުގެ ދަށުން މިކަންތަށް މިކުރެވެނީ، އެމީހުން ފޮނުވާލަންޏާ ފޮނުވާލާނީ، އެކަން ކުރެވެނޭ ފެސިލިޓީއެއް ނެތް. އިމިގްރޭޝަނަށް ޑިޓެންޝަންގައި މިހާރު މި ބެއިތިއްބެނީ 40 ވަރަކަށް މީހުން އެއް ފަަހަރާ. ދެން މިހާރު މަސައްކަތް ކުރަމުންދަނީ ހުޅުމާލޭގައި އެއަށްވުރެ ބޮޑު ޑިޓެންޝަން ސެންޓަރެއް އުފެއްދުމަށް. އެތަން އުފެއްދުނީމަ މިހާރު އަޅުގަނޑުމެން މި ދޭ ފުރުސަތުގެ ބޭނުންނުކޮށް ތިބި ބިދޭސީން ފޮނުވާލުމުގެ މަސައްކަތް ފެށޭނީ،ކުރިން އަޅުގަނޑުމެން ބިދޭސީން މި ފޮނުވާލެވޭނީ ވޮލެންޓިއަކޮށް." ފައްޔާޒު ވިދާޅުވިއެވެެ.



ކިޔުންތެރިންގެ ހިޔާލު