ޒިޔާރަތަށް ނަދުރު ބުނުންފަދަ ކަންކަން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ހުއްޓުވާފައި އޮއްވާ އެ ކަންކަން އަލުން ފަށާފައިވާކަމަށް ވިދާޅުވެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި މި ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިސް ބޭފުޅެއްކަމަށްވާ ޑރ. މުހައްމަދު އިޔާޒު ކަންބޮޑުވުން ފާޅުކުރަށްވައިފިއެވެ.

އިޔާޒު މި ކަންބޮޑުވުން ފާޅުކުރަށްވާފައި މިވަނީ 30 އަހަރަށްފަހު މާލޭގައި ހުންނަ މެދުޒިޔާރަތުގައި އިއްޔެއިން ފެށިގެން ދިދަ ނަގަން ފެށުމުންނެވެ.

މެދުޒިޔާރަތުގައި އަލުން ދިދަ ނަގާފައިވަނީ ކުރީގެ ރައިސް މައުމޫންގެ ދަރިކަނބަލުން މިނިސްޓަރަކަށް ހުންނަވާ ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓްރީންނެވެ.

މިނިސްޓްރީން ބުނީ މެދު ޒިޔާރަތުގައި އަލުން ދިދަ ނަގަން ނިންމީ މާލޭގައި ހުރި އާސާރީ ތަންތަން އިހު ހުރި ގޮތަށް އަނބުރާ އިއާދަކޮށް ދިވެހި ސަގާފަތާއި ތާރީހު ދެމެހެއްޓުމަށް އެ މިނިސްޓްރީން ކުރާ މަސައްކަތުގެ ދަށުން ކަމަށެވެ.

މިނިސްޓަރ ޔުމްނާގެ މިނިސްޓްރީން ހިންގި ކަންކަމަށް ފާޑު ވިދާޅުވަމުން ޑރ.އިޔާޒު ވިދާޅުވީ އެފަދަ ކަންކަމަކީ ޔުމްނާގެ ބައްޕާފުޅުގެ ވެރިކަމުގައި ފޮހެ، ނައްތާލާފައިވާ ކަންކަންކަމަށެވެ. އަދި އެކަން ފެށުމަކީ ވަރަށް ބޮޑު ނުބަޔެއްގެ ފެށުންކަމަށްވެސް އިޔާޒު ވިދާޅުވިއެވެ.

އިޔާޒު ވަނީ އެކަމާއި މެދު ފިޔަވަޅު އެޅުމަށް އިސްލާމިކް މިނިސްޓްރީއަށް ވެސް ގޮވާލައްވާފައެވެ.



މައުލޫމާތު ލިބިފައިވާ ގޮތުގައި މެދުޒިޔާރަތުގައި ހުރި ދިދަ ދަނޑިތަކުގައި އެންމެ ކުރީ ޒަމާނުގައިވެސް ހުންނަ ގޮތަށް ހުދު ދިދަ ނަގަން ފެށީ އިއްޔެއެވެ.

މެދު ޒިޔާރަތަކީ މީލާދީން 1153 ވަނަ އަހަރު ރާއްޖެ އިސްލާމް ކުރެއްވިކަމަށް ބުނާ އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީ ފަސްދާނުލެވިފައިވާ ތަނެވެ. މިތަނުގައި 1692 ވަނަ އަހަރު ރާއްޖޭގައި ރަސްކަން ކުރެއްވި ބޭފުޅެއް ކަމަށްވާ ސައްޔިދުވެސް ފަސްދާނުލާފައިވެއެވެ.



މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އާޓްސް އެންޑް ކަލްޗާ މިނިސްޓްރީން ބުނީ ރަށްރަށުގެ ހުރި މިފަދަ ތަންތަނުގައިވެސް ދިދަ ނެގުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

މެދުޒިޔާރަތުގައި ދިދަ ނަގަން ފެށުމުން އިޔާޒުގެ އިތުރުން ބައެއް އެހެން އިލްމުވެރިންވެސް ވަނީ ފާޑު ކިޔާފައެވެ.



ކިޔުންތެރިންގެ ހިޔާލު