ރޭ މ. ނިރުފެހި ގޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި މަރުވި ފަރާތްތަކުގެ ވަނަވަރު ހޯދާ އަދިވެސް ނުނިމޭ ކަމަށާއި އެހެންކަމުން އެފަދަ މައުލޫމާތުކަމަށް ބުނެ ޔަގީން ނުވާ މައުލޫމާތު ހާމަ ނުކުރުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

ރާއްޖޭގެ ބައެއް މީޑިއާތަކުން ވަނީ މަރުވި ބިދޭސީން ކަމަށްބުނެ ފޮޓޯއާއި ބައެއް މީހުންގެ ވަނަވަރުވެސް ހާމަކޮށްފައެވެ. އެކަމާއި ގުޅިގެން ފުލުހުން މިރޭ ބުނީ، ރޭ ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވި މީހުން ދެނެގަތުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުން ކަމަށެވެ.

އަދި މަރުވި މީހުންގެ މައުލޫމާތުކަމަށް ބުނެ ބައެއް މީޑިއާތަކުން ބައެއް މީހުންގެ ވަނަވަރު އާންމު ކޮށްފައިވީނަމަވެސް، އެންމެންގެ މައުލޫމާތު ފުލުހުންނަށް މިހާތަނަށް ކަށަވަރުކުރެވިފައި ނުވާކަމަށާއި އެހެންކަމުން އެ މީހުންގެ އާއިލާއަށް ވެސް އެ މައުލޫމާތު އަދި ހިއްސާ ކޮށްފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެހެންކަމުން އާއިލާގެ މެންބަރުންގެ އިހުސާސްތަކަށް އިހުތިރާމު ކުރުމުގެ ގޮތުން ކަމާގުޅޭ އިދާރާތަކުން އެ މައުލޫމާތުތައް އާންމު ކުރުމުން ނޫނީ އެފަދަ މައުލޫމާތުތައް އާންމު ނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މި ހާދިސާގައި ނިޔާވީ ބިދޭސީންތަކެއްކަން އެނގިފައިވީނަމަވެސް، އެ މީހުންގެ ހަށިގަނޑު ވަރަށްބޮޑަށް އަނދާފައިވުމުން ޖިންސްވެސް ވަކިކުރަން ދަތި ކަމަށް ފުލުހުންވަނީ ބުނެފައެވެ.

މިހާތަނަށް އެނގުނު ގޮތުން ބިދޭސީންގެ ޖުމުލަ 10 މީހުން މި ހާދިސާގައި ވަނީ މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން