މާލޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ގިނަ ބަޔަކު މަރުވީ ސަލާމަތްވާން ބޭރަށް ނުނިކުމެވިގެންކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ރޭ ދަންވަރު 00:30 ކަންހާއިރު މިއަލިފާނުގެ ހާދިސާ ހިނގާފައިވަނީ މާފަންނު އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ހިސާބުގައި ހުންނަ މ. ސެންރޯސް ކިޔާ ގެއެއްގެ އެންމެ ތިރީގައި ހުރި ގަރާޖެއްގައެވެ.

މި ގަރާޖުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކުރެވުނީ ގާތްގަޑަކަށް 2 ގަޑިއިރެއްހާއިރު ފަހުންނެވެ.

އެމްއެންޑީއެފުން މިއަދު ހެނދުނު ބުނީ ރޯވި ގޭތެރެއިން އިތުރު މީހެއްގެ ހަށިގަނޑު ފެނިފައިވާކަމަށާއި އެހެންކަމުން މި ހާދިސާގައި މަރުވި މީހުންގެ އަދަދު 10 އަށް އަރާފައިވާކަމަށެވެ.

ކަމާބެހޭ އޮފިޝަލަކު ވިދާޅުވީ އަލިފާނުގެ ހާދިސާގައި ގިނަ ބަޔަކު މަރުވީ ސަލާމަތްވާން ބޭރަށް ނުނިކުމެވިގެންކަމަށް ބެލެވޭކަމަށެވެ. އަދި އަލިފާން ރޯވި ތަނަކީ ލަކުޑިން ހަދާފައިވާ ގޮޅިތަކެއް ކަހަލަ ތަނެއްކަމަށްވެސް އޮފިޝަލުން ވިދާޅުވެއެވެ. މީގެއިތުރުން އެތަނުގައި ކައްކާ ގޭސް ގިނަ އަދަދަކަށް ހުރިކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

އަލިފާން ރޯވި އިމާރާތުން 14 މީހަކު ސަލާމަތްކޮށްގެން ނެރުނުކަމަށް ފުލުހުން ބުނެއެވެ. އަދި ހޮސްޕިޓަލުގައި އެކަކަށް ފަރުވާ ދެމުންދާކަމަށްވެސް އެމްއެންޑީޢެފުން ބުނެފައި ވެއެވެ.

ފުލުހުން ބުނީ އެތަނުގައި ރޯވާން ދިމާވި ސަބަބު އަދި ދެނެގަނެވިފައި ނުވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު