އަހުމަދު މަސްނޫމް   10 ނޮވެމްބަރު 2022 - 9:19
ރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 10 އަށް އަރައިފިއެވެ.

ރޭ ދަންވަރު 00:30 ކަންހާއިރު އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މާފަންނު އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ހިސާބުގައި ހުންނަ މ. ސެންރޯސް ކިޔާ ގެއެއްގެ އެންމެ ތިރީގައި ހުރި ގަރާޖެއްގައެވެ.

މި ގަރާޖުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކުރެވުނީ ގާތްގަޑަކަށް 2 ގަޑިއިރެއްހާއިރު ފަހުންނެވެ.

އެމްއެންޑީއެފުން މިއަދު ހެނދުނު ބުނީ ރޯވި ގޭތެރެއިން އިތުރު މީހެއްގެ ހަށިގަނޑު ފެނިފައިވާކަމަށެވެ. އެހެންކަމުން މި ހާދިސާގައި މަރުވި މީހުންގެ އަދަދު 10 އަށް އަރާފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އަލިފާން ރޯވި އިމާރާތުން 14 މީހަކު ސަލާމަތްކޮށްގެން ނެރުނުކަމަށް ފުލުހުން ބުނެއެވެ. އަދި ހޮސްޕިޓަލުގައި އެކަކަށް ފަރުވާ ދެމުންދާކަމަށްވެސް އެމްއެންޑީޢެފްއިން ވިދާޅުވެއެވެ.

ފުލުހުން ބުނީ އެތަނުގައި ރޯވާން ދިމާވި ސަބަބު އަދި ދެނެގަނެވިފައި ނުވާ ކަމަށެވެ. ރޯވި ގަރާޖު ތެރޭގައި ގޭސްފުޅިތަކެއް ހުރި ކަމަށް ވެސް ފުލުހުން ބުނެއެވެ. އަދި މި ތަނަކީ ކީއްކުރާ، ކޮން ބައެއްގެ ތަނެއްކަން ވެސް އަދި ދެނެގަނެވިފައި ނުވާކަމަށް ފުލުހުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު