ކުރީގެ ރައީސް، ޔާމިން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި މަސްވެރިންނަށް ދަރަނި ބިލް ބެހުން ނޫން ކަމެެއް އެމަނިކުފާނު ނުކުރަށްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

ޝިފާއު މިހެން ވިދާޅުވީ ރައީސް ޔާމިން އައްޑުއަތޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި ބައެއް މަސްވެރިންނާއި ބައްދަލު ކުރަށްވައި މަސްވެރިންނަށް ވައުދުތައް ވެވަޑައިގަންނަވަމުން ގެންދަވާތީ އެކަމަށް އިޝާރަތް ކުރައްވަމުންނެެވެ.

އެކަމާއި ގުޅިގެން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވީ ރައީސް ޔާމިންގެ ވެރިކަމުގައި މަސްވެރިންނަށް ކޮށްދިން އެއްވެސް ކަމެއް ފެންނަން ނެތް ކަމަށެވެ. އޭގެބަދަލުގައި ރައީސް ޔާމިންގެ ސަރުކާރުން މަސްވެރިންނަށް ބެހީ ދަރަނި ބިލެއް ކަމަށާއި އެބިލްތަކަށް ފައިސާ ދައްކާ ޚަލާސް ކުރީ ރަައީސް ސާލިޙުގެ ސަރުކާރުން ކަމަށް ޝިފާއު ވިދާޅުވިއެވެ.

"މަސްވެރިންގެ ވާހަކަ ދައްކާއިރު އަޅުގަނޑު ހިތަށް އަރަނީ މި ރަައީސް މީހާ (ޔާމިން) އަށް ފަސް އަހަރު ދުވަހު ވެރިކަން ލިބުނީމަ މަސްވެރިއަކަށް ކޮށްދިނީ ކޮން ކަމެއްބާއޭ. މަސްވެރިކަމުގެ ސިނާއަތު ކުރިއަރުވަން ކުރީ ކޮންކަމެއް ބާއޭ، ހައްދަވައިގެން ކުރި އެއްކަމެއް ފެންނަން ނެތް. އެންމެ ކަމެއް ފިޔަވައި. އެއީ މަސްވެރިންނަށް ދަރަނި ބިލު ބެހުން، މަސްވެރިންގެ މަސްކޮޅު ގަނެލާފައި މަސްވެރިންނަށް ދަރަނި ބިލެއް ދިނުން ނޫން އިތުރުކަމެއް އެ ރައީސް މީހާގެ ފަސް އަަހަރުގެ ވެރިކަމަކު ނުކުރޭ." ޝިފާއު ވިދާޅުވިއެވެ.

މީގެ އިތުރުން ޝިފާއު ވިދާޅުވީ މަސްވެރިން ބާނާ ހުރިހާ މަހެއް ގަންނަމުންދަނީ މި ސަރުކާރުން ކަމަށެވެ. އަދި މަސްވެރިކަމުގެ ސިނާއަތް ތަރައްގީ ކުރުމަށް ކޫއްޑޫ އާއި ފެލިވަރާއި އަދި އެތަށް ރަށެއްގައި ކޯލްޑް ސްޓޯރޭޖް ހެދުމާއި ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްމި ސަރުކާރުން ކުރަމުންދާ ކަމަށް ޝިފާއު ވިދާޅުވިއެވެ. އެމަސައްކަތްތައް ހިނގަމުންދާކަން އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށައަޅާފަައިވާ ބަޖެޓުން ފެންނަން އެބަހުރި ކަމަށް ޝިފާއު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު