ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި 1 ފެބްރުއަރީގައި ހިނގި ކަންތައްތަކާއި ގުޅިގެން އިންޑިއާގެ ސިފައިން ރާއްޖެ ނާރައިގެން މާޔޫސްވެވަޑައިގެންނެވި ކަމަށް މި ސަރުކާރުގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވިކަމަށް ބުނެ ފަތުރާ ވާހަކައަކީ ދޮގެއްކަން ހާމަވެއްޖެއެވެ.

2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު، އޭރު ޖަލުގައި ތިބި ގިނަ އަދަދެއްގެ ސިޔާސީ ހައްޔަރީން ދޫކޮށްލަން ރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން، އިންޑިއާގެ ޓީވީ ޗެނަލެއްގައި، އެހާލަތުގައި އިންޑިއާ ސިފައިން ރާއްޖެ ނާރާތީ މާޔޫސްވެވަޑައިގެންނެވިކަމަށް ޝާހިދު ވިދާޅުވިކަމަށް ބުނެ މީސްމީޑިއާގައާއި ބައެއް ނޫސްތަކުން ވީޑިއޯއެއް ފެތުރިއެވެ.

އޭރު ފެތުރި ވީޑިއޯގައި، ރާއްޖޭގައި މިހާރުވެސް އިންޑިއާގެ "ޕްރެސެންސް" ނެތުމުން މާޔޫސްވެވަޑައިގެންނަވާކަމަށް ޝާހިދު ވިދާޅުވެއެވެ. ނަމަވެސް އެއީ އަސްލު އިންޓަވިއުގެ އެއްބައެވެ. އެޑިޓުކޮށް ބައެއް އުނިކޮށްފައިވާ އެ ވީޑިއޯގައި ޝާހިދު އެ ވިދާޅުވީ އިންޑިއާގެ ސިފައިންގެ "ޕްރެސެންސް" ނެތުމުން މާޔޫސްވެވަޑައިގަންނަވާކަން ކަމަށް ދެއްކުމަށް އެކި ފަރާތްތަކުން ދިޔައީ މަސައްކަތް ކުރަމުންނެވެ.

ނަމަވެސް، އިންޑިއާގެ އެންޑީޓީވީއަށް ދެއްވި އެ އިންޓަވިއު އެއްކޮށް އަޑު އަހާލުމުން ޝާހިދު ވިދާޅުވަނީ އިންޑިއާ ސިފައިން ރާއްޖެ ގެންނަ ވާހަކަ ނޫންކަން ސާފުވެއެވެ.

އެ ވީޑިއޯގައި ޝާހިދު ވިދާޅުވެފައިވަނީ، މިފަދަ ކްރައިސިސްއެއްގެ ތެރޭގައި އިންޑިއާގެ ހާއްސަ އެންވޯއީއެއް ރާއްޖޭގައި ހުރުމަކީ ރާއްޖޭގެ ހާލަތު އިންޑިއާއިން ދެނެގަނެ އޭރުގެ ރައީސާއި ސަރުކާރާއި ވާހަކަ ދައްކައި، އެ ދުވަހުގެ ހާލަތާއި ގުޅިގެން މަޝްވަރާތައް ކުރުމަށް ފަސޭހަވެގެން ދާނެ ކަމެއް ކަމަށެވެ.

އަދި ޝާހިދު ވިދާޅުވީ އެފަދަ ހާލަތްތަކުގައި އިންޑިއާގެ ހާއްސަ އެންވޯއީން ރާއްޖެ އައިސް މީގެ ކުރިންވެސް މަސައްކަތް ކުރައްވާފައި ވާކަމަށާއި އޭރު ވެސް އެފަދަ ބޭފުޅަކު ވަޑައިގެން ނެތުމުން މާޔޫސްވެވަޑައިގަންނަވާ ކަމުގެ ވާހަކައެވެ.



ޝާހިދުގެ މި ވާހަކައިގެ އެއްބައި އުނިކޮށްގެން ފެތުރިބަޔަކު ފެތުރުމާއި ގުޅިގެން ގިނަ ބަޔަކަށް މިކަމުގެ ހަގީގަތް އޮތީ އޮޅިފައެވެ. އެގޮތުން ދާދިފަހުން، ކުރީގެ ބަންޑާރަނައިބު ޑރ. މުނައްވަރު ދެއްވި އިންޓަވިއުއެއްގައި ވެސް ޝާހިދަށް ނިސްބަތް ކުރައްވާ ވަނީ އެބޭފުޅާއަކީ އިންޑިއާ ސިފައިން ރާއްޖެ ނާރައިގެން ހައިރާންވެވަޑައިގެންނެވި ބޭފުޅެއްކަމަށް ވިދާޅުވެ ފާޑުވިދާޅުވެފައިކަން ވެސް ފާހަގަ ކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު