މަސައްކަތު ގަޑީގައި މުވައްޒަފުންގެ ދަރިން ތިބޭނެ ރައްކާތެރި، އިތުބާރުކުރާ މާހައުލެއް ހޯދައިދިނުމަށް ގާއިމުކުރި ސްޓެލްކޯ މުވައްޒަފުންގެ ޗައިލްޑް ކެއަރ ސެންޓަރ ހުޅުވައިފިއެވެ.

މި ސެންޓަރު ހުޅުއްވައިދެއްވީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސްޓެލްކޯގެ ޗެއާމަން ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާޙީމް މުޙައްމަދު ދީދީއެވެ.

ސްޓެލްކޯއިން ބުނީ، މި ޗައިލްޑް ކެއަރ ސެންޓަރަކީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ދުރު ވިސްނުންފުޅާއި، އިސްނެންގެވުމާއި އެއްގޮތަށް ސްޓެލްކޯގެ މެނޭޖްމަންޓުން ސްޓެލްކޯގެ މުވައްޒަފުންނަށް މަސައްކަތު ގަޑީގައި މުވައްޒަފުންގެ ދަރިން ތިބޭނެ ރައްކާތެރި، އިތުބާރުކުރެވޭ މާހައުލެއް ހޯދާދިނުމުގެ ގޮތުން ގާއިމްކުރި ތަނެއް ކަމަށެވެ.

މި ޗައިލްޑް ކެއަރ ސެންޓަރުގައި ހިދުމަތްދޭނީ 5 އަހަރާއި 10 އަހަރާއި ދެމެދުގެ ކުދީންނަށެވެ. އަދި އެތަން ހުޅުވިފައި ހުންނަ ގަޑިތަކަކީ ސަރުކާރުގެ ރަސްމީ މަސައްކަތްކުރާ ދުވަސްތަކުގެ ހެނދުނު 8:15 އިން ހަވީރު 4:00 އަށް ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯއިން އިތުރަށް ބުނީ، މި ހިދުމަތް ހޯދާ ކުދިން ބެލެހެއްޓުމުގައި ހަރަކާތްތެރިވާނީ ކަމަށް ގާބިލް، ކުދިން ގެންގުޅުމުގެ ހުނަރުހުރި މުވައްޒަފުން ކަމަށެވެ. މިގޮތުން ކުދިންގެ އުމުރާއި ގުޅޭ ތަފާތު ގިނަ މަޖާ ހަރަކާތްތަކާއި، ކުޅިވަރުގެ ތެރެއިން އުނގެނުމަށްވެސް އިސްކަންދެވޭނެކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.

ޗައިލްޑް ކެއަރ ސެންޓަރު ހުޅުވުމަށްފަހު ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ދެއްކެވި ވާހަކަފުޅުގައި އޭނާ ވަނީ އެ ތަނަކީ ސަރުކާރުން މުވައްޒަފުންނަށް ދެއްވި ހަދިޔާއެއްކަމާއި، އެހަދިޔާ ބަލައިގަންނަކަން މުވައްޒަފުން ދައްކަންވާނީ ކުންފުނިން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުންކަން ފާހަގަކުރައްވާފައެވެ. އެގޮތުން، ރައްޔިތުންނަށް މިހާރަށްވުރެ ފުރިހަމަ ޚިދުމަތްދިނުމަށް މަސައްކަތް ކުރުމަށްވެސް ޝަރީފް ވަނީ މުވައްޒަފުންގެ ކިބައިން އެދިވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު