މޮރިޝަސްއިން ރާއްޖެއާއި ދެކޮޅަށް ހުށަހަޅާފައިވާ ޗާގޮސްއާއި ރާއްޖެއާއި ގުޅޭ ކަނޑުގެ ސަރަހައްދުގެ މައްސަލައާއި ގުޅޭ މައުލޫމާތު ރައްޔިތުންގެ މަޖިލީހާ ހިއްސާކޮށްފައިވާނެ ކަމަށް ބަންޑާރަ ނައިބް އިބްރާހިމް ރިފްޢަތު މިރޭ ވިދާޅުވެއްޖެއެވެ.

ބަންޑާރަ ނައިބް އިބްރާހިމް ރިފްޢަތު މިހެން ވިދާޅުވީ ދިވެހިރާއްޖެއިން ޗާގޯސް ނުވަތަ ފޯޅަވަހީގެ މައްސަލައިގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއެކު މިރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބަންޑާރަ ނައިބް އިބްރާހިމް ރިފްޢަތު ވިދާޅުވީ މޮރިޝަސްއިން ރާއްޖެއާއި ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހާއި ހިއްސާކޮށްފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު ކަމަށެވެ. އެގޮތުން މައްސަލައާއި ގުޅޭ ލިޔެކިއުންތައް މަޖިލީހާއި ހިއްސާކުރެއްވި ކަމަށް ރިފްޢަތު ވިދާޅުވިއެވެ.

ބަންޑާރަ ނައިބް ވިދާޅުވީ ޗާގޮސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާތަނެއް ކަމަށް ދިވެހިރާއްޖެއިން ގަބޫލުކޮށް އދ ގައި ވޯޓު ދިނުމަށް ނިންމި ނިންމުމުގެ ސަބަބުން މޮރިޝަސްއިން ރާއްޖެއާއި ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައަށް އެއްވެސް ބުރުލެއް ނާރާނެ ކަމަށެވެ.

ބަންޑާރަ ނައިބް ވިދާޅުވީ ސަރުކާރުން މަސައްކަތް ކޮށްފައި ވަނީ ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތަށް އިސްކަން ދީގެން ކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި ވެސް މަސައްކަތް ކުރައްވާނީ އެގޮތުގެ މަތިން ކަމަށް ބަންޑާރަނައިބު މިރޭ ވިދާޅުވިއެވެ.

ރާއްޖެ އާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ ތެރެއިން ފުށުއަރާ ސަރަހައްދާ ގުޅޭ މައްސަލަ ޖަރުމަނުގައި ހުންނަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް މޮރިޝަސްގެ ފަރާތުން ވަނީ ހުށައަޅާފައެވެ. ދިވެހިރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ މެދު ދެގައުމުގެ ދެމެދުގައި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ އެ މައްސަލައިގައި ގޮތެއް ނިންމުމާ ގުޅޭ އެ މައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ ނިމިފައެވެ. އެ މައްސަލާގައި ކަނޑުގެ އެންމެ ބޮޑު ސަރަހައްދެއް ރާއްޖެއަށް ލިބޭ ގޮތަށް މައްސަލަ ނިމިގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަށް ބަންޑާރަ ނައިބް ވިދާޅުވިއެވެ.

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން މީގެ ކުރިން ވަނީ ޗާގޯސްއަށް މޮރިޝަޝްގެ ސިޔާދަތީ ބާރު ހިނގާނެ ކަމަށް ނިންމާފައެވެެ. އެ ނިންމުން ތަންފީޒުކުރުމަށް އދގެ އާންމު މަޖިލީހުގެ ވޯޓަކަށް އަލުން ގޮސްފިނަމަ ޗާގޮސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ކަމަށް ރާއްޖެއިން ވޯޓުދޭނެ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ. އެކަން ހާމަކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުވަނީ މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ވެސް ފޮނުއްވާފައެެވެ. ނަމަވެސް އެ ވޯޓުގެ ސަބަބުން ރާއްޖެއިން ކަނޑުގެ ސަރަހައްދާމެދު ކުރާ ދައުވާއަށް އެއްވެސް ބަދަލެއް އަދި އުނިކަމެއް ވެސް ނާންނާނެ ކަމަށް ބަންޑާރަ ނާއިބު ވިދާޅުވިއެވެ. ރާއްޖެއިން އެގިތަށް ވޯޓުދިން ސަބަބު އދ މަޖިލީހުގައި ބަޔާން ކުރާނެ ކަމަށާއި އަދި އޭގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދާއިމެދު ވަކާލާތު ކުރާކުރުމަށް ދޫނުދޭނެކަން ވެސް ހާމަކުރާނެކަން ބަންޑާރަ ނާއިބު ފާހަގަ ކުރެއްވިއެވެ. އަދި މޮރިޝަސްއިން ކަނޑުގެ ސަރަހައްދު ބަހަން ބޭނުންވާ ގޮތަށް ރާއްޖެއިން އެއްބަސް ނުވާނެކަން ވެސް ބަންޑާރަ ނާއިބު ވިދާޅުވި އެވެ. މީގެއިތުރުން މޮރިޝަސްއިން އެދޭގޮތަށް އެކަން ކޯޓުން ނިންމަފާނެ ކަމަށް ގަބޫލު ނުކުރަށްވާ ކަމަށްވެސް ރިއްފަތު ވިދާޅުވި އެވެ.

ޗާގޮސް އާކިޕެލާގޯއާއި މޮރިޝަސްގެ މައްސަލައަކީ މޮރިޝަސް އާއި އިނގިރޭސިވިލާތާ ދެމެދުގައި އޮތް މައްސަލައެއް ކަމަށާއި އެއީ ރާއްޖޭގެ ސީދާ ބައިވެރިވުން އޮތް މައްސަލައެއް ނޫން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު