ޗާގޮސްގެ މައްސަލާގައި ރައްޔިތުންނަށް އެކަމުގެ ހަގީގަތް އޮޅުވާލަމުން ދަނީ އެކަމުގެ މައުލޫމާތު އެނގިތިބެ ބަޔަކު ގަސްދުގައި ކަމަށް ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިފަދައިން ވިދާޅުވީ، ޗާގޯސް މައްސަލައާއި ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ބަންޑާރަނައިބު އިބްރާހީމް ރިއްފަތުވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި ޝާހިދު ވަނީ، ޗާގޯސްގެ މައްސަލަ ހިނގާފައިވާ ގޮތުގެ މައުލޫމާތު ތަރުތީބުން ތަފުސީލުކޮށް ވިދާޅުވެދެއްވާފައެވެ.

އެއަށްފަހު ޝާހިދު ވިދާޅުވީ، މި މައްސަލާގައި ބަޔަކު މަސައްކަތް ކުރަމުންދަނީ ގަސްދުގައި ރައްޔިތުންނަށް އޮޅުވާލަން ކަމަށެވެ. އަދި އެކަންކުރަނީ މި މައްސަލަ ހިނގާފައި އޮތްގޮތް އެނގޭ ބަޔަކު ކަމަށް ވެސް ވިދާޅުވިއެވެ.

ނަމަވެސް، ދުނިޔޭގެ ކަނޑުތަކުގެ ގާނޫނާއި ރާއްޖޭގެ ގާނޫނުއަސާސީގެ ދަށުން ރާއްޖެއަށް ލިބެން އޮތް އެންމެ ބޮޑު ސަރަހައްދަށް މި ސަރުކާރުން އަބަދުވެސް ވަކާތާކުރަމުން ގެންދާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ސަރަހައްދުން ވެލިފުކެއްވެސް މި ސަރުކާރުން ދޫކޮށް ނުލައްވާނެކަމަށް ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ދިމާވެގެން އުޅޭ ކަންތަކުގައި އެއްވެސް އޮޅުމެއް ފޮރުވުމެއް ނެތް ކަމަށެވެ.

ޝާހިދު މިފަދައިން ވިދާޅުވިއިރު، ކުރީގެ ރައީސް ޔާމީނާއި ރައީސް ނަޝީދު އަދި ކުރީގެ ތިން ބަންޑާރަނައިބަކުވެސް ގެންދަވަނީ މި މައްސަލާގައި ސަރުކާރުން އަމަލުކޮށްފައިވަނީ ރާއްޖޭން ބައެއް ގެއްލިދާނެފަދަ ގޮތަކަށް ކަމަށް ވިދާޅުވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު