ރަހުމުކުޑަކޮށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުޙައްމަދު ސައީދު (ޝިއާ) މަރާލި މައްސަލައިގެ ތަހްގީގު އަދިވެސް ނުނިމޭކަމަށާއި، އޭނާ މަރާލި ސަބަބު އަދިވެސް ދެނެނުގަނެވޭކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާގެ ވެރިޔާ ފާޠިމަތު ނަޝްވާ މިއަދު ވިދާޅުވީ، އޭނާ މަރާލިކަމަށް ތުހުމަތު ކުރެވުނު ޝާހިލްގެ ފޯނު ހުޅުވަން އޭނާ ޕާސްވޯޑް ދީފައި ނުވާތީ ފުލުހުން އެ ފޯނު ހުޅުވީ ފޯނު ރާއްޖެއިން ބޭރަށް ފޮނުވައިގެން ކަމަށެވެ. އަދި ވިދާޅުވީ ފޯނުގައި ހުރި ޑާޓާތައް މިހާރު ވަނީ ލިބިފައި ކަމަށާއި އެ މައުލޫމާތުތައް ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް މިހާތަނަށް ޝިއާއު މަރާލަންޖެހުނު ސަބަބު ދެނެގަނެވިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

އޯގަސްޓު މަހުގެ 7 ވަނަ ދުވަހު ހ. ޝީރީންވިލާގައި މަރާލާފައި އޮއްވާ ފެނުނު ޝިއާއުގެ ހަށިގަނޑު ފެނުނު އިރު އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަން އެނގެއެވެ.

މި ހާދިސާގެ ތަފްސީލުތައް ހާމަކުރުމަށް ފުލުހުން މިދިޔަ މަހުގެ 15 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ ދެ ހަފްތާ ތެރޭގައި މައްސަލަ ނިންމާ ދައުވާކުރަން ފޮނުވާނެ ކަމަށެވެ. ނަމަވެސްއެ ފުލުހުން ބުނި މުއްދަތު ފާއިތުވި އިރު އަދިވެސް ދައުވާކުރަން ފޮނުވާފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު