އެޗްޑީސީއަށް ނޭނގި ހުޅުމާލޭގެ ބިމުން އެއްވެސް ތަނެއް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެފްއޭއެމުން އެހެން ބަޔަކަށް ނުދެވޭނެކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

އެޗްޑީސީން މިކަން ހާމަކޮށްފައި މިވަނީ އެފްއޭއެމުން އެޕޯލޯ ހޯލްޑިންގްސްއަށް ދައްކަންޖެހޭ 13 މިލިއަން ރުފިޔާގެ ބަދަލުގައި އެޗްޑީސީން އެފްއޭއެމަށް ހުޅުމާލެއިން ކުއްޔަށް ދީފައިވާ ބިމަކުން ބައެއް 25 އަހަރަށް އެޕޯލޯއަށް ދޭން އެފްއޭއެމުން ނިންމާފައިވަނިކޮށެވެ.

އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވީ އެފްއޭއެމަށް ކުއްޔަށްދީފައިވާ ބިމުގެ އެއްބަސްވުމުގައި އެހެން ބަޔަކަށް އެ ބިން ދޫކުރުމުގެ އެއްވެސް މުއާމަލާތެއް ހިންގޭނެކަމަށް ބަޔާންކޮށްފައިނުވާނެ ކަމަށެވެ. އެހެންކަމުން އެފްްއޭއެމްގެ އެ ނިންމުމަކީ މައްސަލައެއްކަމަށާއި އެ މައްސަލަ ބަލަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.

އެފްއޭއެމްގެ މައްސަލައެއް އަނެއްކާ ފެންމަތިވެފައިވާއިރު ފަހަކަށް އައިސް ފައިސާގެ ގިނަ މައްސަލަތަކެއް އެފްއޭއެމާ ގުޅިގެން އަންނަނީ ފެންމަތިވަމުންނެވެ.

އެފްއޭއެމާ ގުޅޭގޮތުން އަންނަ މައްސަލަތަކުގެ ތެރޭގައި އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމާއި މުވައްޒަފުންނަށް މުސާރަ ނުދިނުމުގެ މައްސަލަތައް ހިމެނެއެވެ. އެގޮތުން ޖަރަންޓު ބިލްތަކަށް ފައިސާ ނުދައްކައިގެން އެފްއޭއެމުން ދާދިފަހުން ވަނީ ކަރަންޓުގެ ޚިދުމަތްވެސް ކަނޑާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު