އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓްގެ އެންމެ ބޮޑު އަމާޒަކީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ވައުދުތައް ފުއްދައި، ޒަމާނުއްސުރެ ރާއްޖޭގައި ހައްލުނުވެ ހުރި މައްސަލަތަކަށް ހައްލު ހޯދައިދިނުންކަމަށް ރައީސް އޮފީހުގެ މިނިސްޓަރ އަލީ ޝިޔާމް ވިދާޅުވެއްޖެއެވެ.

ބަޖެޓާއި ގުޅޭގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން އަލީ ޝިޔާމް ވިދާޅުވީ މިހާތަނަށް ހުށަހަޅާފައިވާ އެންމެ ބޮޑު ބަޖެޓަށް މި ބަޖެޓް ވަނީ، މި ބަޖެޓަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތަކާއި ގުޅިފައިވާ ބަޖެޓަކަށްވާތީކަމަށެވެ.

ޝިޔާމް ވިދާޅުވީ މި ބަޖެޓާއެކު ރައީސްގެ ހުރިހާ ވައުދުތައް ފުއްދި، ރައްޔިތުންގެ އުންމީދުތައް ހާސިލްވެގެންދާނެކަމަށެވެ. އަދި މި ބަޖެޓުގައި ގިނައީ ރައްޔިތުންނަށް ފައިދާވާ ގޮތަށް އެކި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ ބައިތައް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ހިންގަން ނިންމާފައިވާ މަޝްރޫތަކުން ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނަމުންދާނޭކަމަށް ޝިޔާމް ވިދާޅުވިއެވެ.

ބަޖެޓް ބޮޑުކަމަށް ބުނެ ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން ޝިޔާމް ވިދާޅުވީ ބަޖެޓްގެ ބޮޑު ކުޑަކަން ކަނޑައަޅާނީ ރައްޔިތުން ކަމަށެވެ. އަދި ބަޖެޓް ބޮޑުކަމަށް ބުނާއިރު އެ ބަޖެޓުން ގެދޮރުވެރިކަމާއި، ތައުލީމާއި ސިއްހަތު ފަދަ ބޭނުންހުރި ދާއިރާތަކުން ރައްޔިތުންނަށް ލިބޭ ފައިދާއަށް ކޮންމެހެން ބަލަން ޖެހޭނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"ރައްޔިތުންނަށް ވާނެ ގޮތް އަޅުގަނޑުމެންނަށް އެބަ ފެނޭ. ތިލަދުންމައްޗަށް އަންނަ ބަދަލުން ރައްޔިތުންނަށް ވާނެ ގޮތް އެބަ ފެނޭ. އެއީ މުޅި ރާއްޖެއަށް ބޮޑު ބަދަލެއް ގެންނާނެ ކަމެއް. ދަތުރުފަތުރުގެ ނިޒާމުން މުޅި ރާއްޖެ ގުޅާލީމަ ވާނެ ގޮތް އެބަފެނޭ. ރަށުގަ ހުރެގެން ސިއްހީ ހިދުމަތް ފަސޭހައިން ލިބޭތީ ވަ ގޮތް އެބަ ފެނޭ." މިނިސްޓަރ ޝިޔާމް ވިދާޅުވިއެވެ.

2023 ވަނަ އަހަރަށް ހުށަހަޅާ ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ 42,680,269,914 (ސާޅީސް ދެ ބިލިއަން، ހަ ސަތޭކަ އައްޑިހަ މިލިއަން، ދުއިސައްތަ ފަސްދޮޅަސް ނުވަ ހާސް، ނުވަސަތޭކަ ސާދަ) ރުފިޔާއެވެ. އަދި ބަޖެޓްގެ ބަހުސް މަޖިލީހުގައި މިހާރު ދަނީ ފެށިގެން ކުރިއަށެވެ.



ކިޔުންތެރިންގެ ހިޔާލު